English Edition
Dhivehi Edition

މީހުންގެ ތެރޭ ވަކި މީހަކު މަޤްބޫލު ވަނީ ވަރަށް ގިނަ މަރްޙަލާތަކެއް ކަޑައްތު ކުރެވޭ ފަހުންނެވެ. ލިބިފައިވާ ހުނަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި ތިމާއަކީ މުޖުތަމަޢަށް ބޭނުންތެރި މީހަކަށް ވެވޭތޯ ގަދައަޅާ މަސައްކަތް ކުރާ މީހުންނަކީ އަބަދުވެސް ކާމިޔާބު ބައެކެވެ. އައްޑޫސިޓީ ހިތަދޫއަށް އުފަން އެރަށު ދިވަރަ، އައިމިނަތު ގުލްފިޝާމް އަކީ މިފަދަ ޚިދުމަތްތެރި ކަނބަލެކެވެ.

އޭނާ ނުފެންނަ ދާއިރާއެއް ނޯވެއެވެ. ސްކޫލް ދައުރުއްސުރެން ފެށިގެންވެސް ކިޔެވުމާއެކު އަމިއްލަ ހުނަރާއި ޤާބިލުކަން ކުރިއަރުވަމުން މުޑިޖެހޭ ކޮންމެ އިތުރު ޙަރަކާތެއް ގައި ބައިވެރި ވެގެން އޭނާ ވަނީ ކުރިއެރުން ހޯއްދަވާފައެވެ.

 

ކުޅިވަރުގެ ތެރެއިން ނެޓްބޯޅަ،ޓޭބަލްޓެނިސް،ފުޓްބޯޅަ،ބާސްކެޓްބޯޅަ،ވޮލީ އަދި ބެޑްމިންޓަނަކީ އޭނާ ކުޅޭހިތްވާ ކުޅިވަރުތަކެވެ.ކުޅިވަރުގެ ކެޓަގަރީއިން 2016 ވަނަ އަހަރު އައްޑޫ ކަނބައިދި އެވޯޑު ޙާސިލްކުރީވެސް މިސަބަބާހެދިއެވެ. ކުޅިވަރަށް ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން އައްޑޫގައި ކުޅޭ ގިނަ ކުޅިވަރުތަކެއްގައި އޭނާ ގެންދަވަނީ އިސް ސަފުގައި ޙަރަކާތްތެރިވަމުންނެވެ. އަމްޕަޔަރުކަމާއި ޓީމް ލީޑަރ ކަމުން ފެށިގެން މެނޭޖަރާއި ހަމައަށްވެސް އޭނާގެ ޚިދުމަތް މިރޮނގުން ފުޅާވެފައި ވެއެވެ.

ގުލްފިޝާމް އަކީ އައްޑޫ ގައި ހިންގޭ އިޖްތިމާޢީ ޙަރަކާތްތަކުންވެސް ނަން ވިދާލާ ޚިދުމަތްތެރިއެކެވެ. މިގޮތުން ގާލްގައިޑް ޙަރަކާތްތަކާއި އެކިއެކި މުނާސަބާ ދުވަސްތައް ފާހަގަ ކުރުމަށް ބާއްވާ ޢާއިލީ ހަވީރުތައް އިންތިޒާމް ކުރުމާއި އައްޑޫސިޓީގައި ހިންގޭ ކުޅިވަރު ޙަރަކާތްތަކާއި ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ފާހަގަ ކޮށްލެވެއެވެ.

އައްޑޫސިޓީއަށް އިޖްތިމާޢީ ، ތަޢުލީމީ އަދި ކުޅިވަރުގެ ރޮނގުން ޚިދުމަތް ކުރުމުގައި ސިޓީގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާ ތަކުގެ ތެރެއިން ، ހޮރައިޒަން އެކަޑަމީ، އައްޑޫ ވިމެންސް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ސަސްޓެއިނެބްލް އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް، އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ،އައްޑޫ ވިމެންސް އެސޯސިއޭޝަން، ފަދަ ޖަމްޢިއްޔާ ތަކުގައި ގުލްފިޝާމް ދަނީ އިސް ދައުރެއް އަދާ ކުރައްވަމުންނެވެ.

އޭނާ ފާހަގަ ވެފައިވަނީ ޙަރަކާތްތެރިވާ ކޮންމެ ޕްލެޓްފޯމެއްގައިވެސް އިސް ލީޑަރެއްގެ ގޮތުން އަބަދުވެސް އިސްސަފުގައި ފައި ހަމަކުރާ ޒުވާނެއްގެ ގޮތުގައެވެ. ކޮންމެ ދާއިރާއަކުން ނިކުތަސް އެބުނާ ” ލީޑަރޝިޕް” ކޮލިޓީ އޭނާގެ ޝަޚްޞިއްޔަތުގައި ވިދަވިދާ ހުރެއެވެ. މީހުން ބަލައިގަންނަ އެތައް ސިފައަކާއެކު ދިމާވާ ކޮންމެ ބައެއްގެ އިތުބާރާއި ލޯބި އޭނާ ހޯދައިގަތުމުގައި ޚާއްސަ އުކުޅުތަކެއް ގެންގުޅެއެވެ.

“އަޅުގަނޑަށް މީހުން އިތުބާރު ކުރަނީ އަދި މީހުންގެ ލޯބި ހޯދައިގަތުމުގައި އަޅުގަނޑު ވިއްކާ އެއްޗަކީ ތެދުވެރިކަން، ހަމަހަމަކަން، އިންސާފު، ދެން އޭގެ އިތުރުން އެކުރާ ކަމެއް އަޅުގަނޑު ކުރާނީ އެކަމަކަށް އަޅުގަނޑުގެ 100 ޕަސެންޓް ޙިއްސާ ދީގެން. ”

އެބުނެވިދިޔަ ސިފަތަކަކީ ކަމެއް ކާމިޔާބު ކުރުމުގައި ކޮންމެހެންވެސް ބޭނުންވާ ސިފަތަކެކެވެ. ގުލްފިޝާމްގެ ކާމިޔާބީތަކާއިވެސް ގުޅި ލާމެހިފައިވަނީ ތެދުވެރި ހިތަކާއެކު ކަމަށް ކަމޭ ހިތައިގެން ، ކަމަކަށް ކަމެއް ދޫނުކޮށް ފަރުވާތެރިކަމާއި ޙިކުމަތް ތެރި ކަމާއެކު އެކަމެއް ކޮށް ނިންމުމުގެ ފޮނި ނަތީޖާއެވެ.

ގުލްފިޝާމް އަކީ ތަޢުލީމީ ދަރިއެކެވެ. އޭނާ ޢަމަލީ މައިދާނަށް ނިކުތީ އުނގެނި ދަސްކުރުމަށް ފަހުއެވެ. 1998 ގައި އޯލެވެލް ނިންމުމަށް ފަހު ފެކަލްޓީ އޮފް އެޑިއުކޭޝަނުން ޑިޕްލޮމާ އޮފް ޓީޗިން އޭނާވަނީ ހައްދަވާފައެވެ. އެއާއެކު ސްޕެޝަލް އެޑިއުކޭޝަންގެ ރޮނގުން ތަޢުލީމް ޙާސިލް ކުރެއްވުމުގެ އިތުރަށް މައިސޫރުގެ ފިލޮމެނާސް ކޮލެޖުން އޭނާވަނީ “ފަންކްޝަނަލް އިންގްލިޝް” އާއި ސައިކޮލޮޖީއިން މަތީ ތަޢުލީމް ޙާސިލް ކުރައްވާފައެވެ.

ގުލްފިޝާމް ވަނީ ޢަމަލީ މައިދާނަށް ނިކުމެ 1999 ން ފެށިގެން ޙަޔާތުގެ ބޮޑު ބައި އުނގަންނައި ދިނުމުގައި ހޭދަކޮށްފައެވެ. ހިތަދޫ ސްކޫލާއި އިސްކަންދަރު ސްކޫލާއި ޝަރަފުއްދީން ސްކޫލްގެ އިތުރުން މިވަގުތާއި ޖެހެންދެން ވެސް މިއާންޒް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ކަން އޭނާ ދަނީ އަދާ ކުރައްވަމުންނެވެ.

މިއާއެކު ގުލްފިޝާމް ފާހަގަ ކޮށްލެވެނީ ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އަޅާލާ އޯގާތެރި ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ.

އޭނާގެ އިޙްސާންތެރިކަމުގެ އަގު މިރޮނގުން އެކަނިވެސް ވަޒަން ކުރެވޭހާ ވަރުވެއެވެ. ވަކި ކުއްޖަކަށް ތަފާތު ކުރުމެއްނެތި ކުލައަކަށް ، ނަސްލަކަށް ، ސިފައަކަށް ނުބަލާ ހުރިހާ ކުދީން އެއް ހަމައެއްގައި ގެންގުޅެވޭނީ ވަރަށް ކެތްތެރި ވެގެންކަން ގައިމެވެ.

އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ބަލިތައް ހުންނަ ކުދިންނަކީ ވެސް މުޖުތަމަޢަށް ބޭނުންހިފޭ ޤާބިލު ކުދިބަޔަކަށް ހެދުމަށްޓަކައި ގުލްފިޝާމްގެ އިސް ނެންގެވުމާއި ޙިކުމަތު ޢަމަލީ ގެ ބޭނުން ކޮށްގެން ބެލެނިވެރިންނާއެކު ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ ފޮންޏޭ ދެންނެވިދާނެއެވެ. މުޅި މުޖުތަމަޢުގައިވެސް އެފަދަ ކުދިންނާއި މެދު ދެކެމުން އައިގޮތް ބަދަލުވެ އެހެން ކުދިންނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރުމުގައި މިއަދު އެކުދިންވަނީ ކުރި ހޯދާފައެވެ.

ގުލްފިޝާމް ގެ އަޑު އެކުދިންނަށްޓަކައި އުފުލުމުގައި މިއަދުވެސް ފަހެއް ނުޖެހެއެވެ. މިބަލާލެވުނީ އެންމެ ދާއިރާއަކަށް ނަމަވެސް ގުލްފިޝާމް ވަނީ އިހްމާލުވެފައިވާ ކޮންމެ ބައެއްގެ ޙައްޤުގައިވެސް ވަކާލާތުކޮށް އެބަޔަކަށް ލިބެންޖެހޭ ޙައްޤުން މަޙުރޫމު ނުކުރުމަށް އަޑު އުފުލާފައެވެ.

މިދިޔަ އަހަރު މިޕްސްޓާ އިން އައްޑޫގައި ބޭއްވި މެންޓަލް ހެލްތް ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ގުލްފިޝާމް ދެއްކެވި ވާހަކައިން އެކަނިވެސް މިކަން ދޭހަވެއެވެ.

” ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ހިތްދަތި މަންޒަރު،ހަނގާ ކުރުން ޢާއްމު ކަމަކަށް ވެފައި،ވާދަވެރި ކިޔެވުމުގެ މާޙައުލެއް އޮތުމުގެ ސަބަބުން އެއްބަޔަކު ފާސް ނުވެދާނެތީ ހިތްބިރުގަނެފަ ތިބޭއިރު އަނެއްބައި ކުދިން ތަކުރާރުކޮށް ފެއިލް ވުމުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިފައިވޭ. ފުރާވަރަށްއަރާ ކުދިންގެ ޓީނޭޖް ކޮންފްލިކްޓްސް މެނޭޖް ނުކުރެވި ސަމާލުކަން ދެވެނީ އެކަޑަމިކް ރެޒަލްޓަށް. ދާއިރާއިން މަތީތަޢުލީމު ހޯދާފައިވާ އެތައް ދަރީންނެއް ރަށުން ބޭރުގައި މަސައްކަތް ކުރުމަށް މަޖްބޫރުވެފައިވޭ. ޢާއިލީ މައްސަލަތަކުގެ ބެގޭޖް އޮފީހުން ބޭރުގައި ބެހެއްޓުމަށްފަހު އައުމަށް، ވެރިން އެދުނަސް އެކަމެއް ނުވާނެ. އަންހެނުންގެ މެޖޯރިޓީ އޮންނަ މުއައްސަސާތަކުގައި ދިމާވާ މައްސަލަ އެހާމެ ގިނަ. ޖެންޑަރ އީކުއެލިޓީ އޮތީ އަދިވެސް ނަމަކަށް. ގިނަ ޒުވާނުންތިބީ ވަޒީފާ ނެތި ދިމާވާ ސްޓްރެސް މެނޭޖްނުކުރެވި ގޮތް ހުސްވެފައި. ޢުމުރުން ދުވަސްވީ މީހުންނަށް އޮތީ ގޭބަންދުގައި ތިބުން. ޚާއްސައެހީއަށް ބޭނުންވާ ކުދިންތިބީ އަދިވެސް ޙަވާސާއިން ބޭރުގައި.އެސެސްމެންޓެއް ނެހެދޭ.އެލަވަންސް ހޯދުމަށް ހުރަސް އެޅިފައި. ތެރަޕީއެއް ނުދެވޭ. ” މިއީ ގުލްފިޝާމް އަޑެވެ.

ގުލްފިޝާމް ވިދާޅުވާ ގޮތުން މިކަންކަން ޙައްލު ކުރަން ދުރުން ބަޔަކު ނާންނާނެ އެވެ. އޭނާގެ ހުރިހާ ޝަކުވާއެއް ގުޅިފައިވަނީ މުޖުތަމަޢުގެ އަފްރާދުންނާއެވެ. މަދިރި ކޮންޓްރޯލްނުވެ ޖެހޭ ބަލިތައް އެއްކައިރި ކުރުމަށްފަހު އޭނާ ނެންގެވީ މަދިރީގެ ދުއްތުރާލާހެދި ހަވީރު ފިންޏަށް ބޭރަށް ނުނިކުމެވޭ ވާހަކައެވެ. އެކަމާހެދި ޢާއިލީ އަވަށްޓެރި ރައްޓެހި ކަމުގެ ގުޅުންތައް ހީނަރުވެފައިވާ ވާހަކައެވެ. ގޭ “މެދުއަތީގައި” ބަގީޗާ ހައްދާލަން ނުހުރެވޭ ވާހަކައެވެ. މިއީ ޙަގީގަތުގައިވެސް އެންމެން ވެސް ކަންބޮޑުވާ މައްސަލަތަކެވެ. ތަފާތަކީ ގުލްފިޝާމްހެން އެހެންމީހުންނަށް އަޑު އުފުލަން އަދިވެސް ފަސް ޖެހެވެނީއެވެ. އޭނާ ބޭނުންވަނީ އެތަފާތު ނައްތާލާ އެންމެންނަކީ ވެސް އަމިއްލަ ޙައްގުތަކަށް ވަކާލާތު ކުރެވޭ ބަޔަކަށް ހެދުމެވެ.

ގުލްފިޝާމް ޚާއްސަވަނީ މިފަދަ ތަފާތު އެތައް ސަބަބަކާ ހެދިއެވެ. އޭނާ ނިކުމެ ހުންނެވީ އަމިއްލަ އެދުމެއް މުހުތާދެއް އޮވެގެން ނެއް ނޫނެވެ. ސޯޝަލްމީޑިއާގައި، ވަންނާނެ ތަނެއް ނުލިބިގެން އަޑުގަދަ ކުރާއިރު އެއީ އޭނާގެ ޙާލަތާއި މެދު އަޑު އުފުލަނީކަމަށް ބަޔަކަށް ހީވިއަސް އޭނާ އެ އުފުލަނީ އެތައް ރައްޔިތުންނެއްގެ ޝަކުވާއެވެ. ގެދޮރުގެ ދަތިކަމާހެދި ދިމާވާ ޢާއިލީމައްސަލަތައް ގުލްފިޝާމްއަށް އެނގި އިޙްސާސް ކުރެވޭތީއެވެ.

ދެންއޮތީ އެންމެ މުހިއްމު ބާބެވެ. ޕޮލިޓިކްސްއެވެ. ސިޔާސީ މައިދާން ގުލްފިޝާމަށް ކަމުދިޔައީ ވެސް އަޑު އުފުލުމުގެ ތެރެއިންނެވެ. ކަންކަން ނުވެގެން އެވާހަކަ ދައްކާ ދައްކާ ކަރުން ހަންދަނީއެވެ. ވެރިންނަކަށް އަޑެއް ނީވެއެވެ. ރައްޔިތުން ހަނާވާން ދޫކޮށްލާކަށް ގުލްފިޝާމްގެ ޟަމީރު ޤަބޫލެއް ނުކުރިއެވެ.

ސިޔާސަވާން ޖެހިއްޖެކަން އެނގުނު ހިސާބުން އެމްޑީޕީއަށް “ފިދާވާ” އޭނާގެ ޢާއިލާއާއި އެކު ޢަމަލީ މައިދާނަށް ނިކުތެވެ. މިހާރުގެ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤު(ސޯބެ) ގެ ކެމްޕޭން ޙަރަކާތާއި ގުޅި” ޑޯޓުޑޯ” އަށް ހިނގަންފެށިއެވެ. ގުލްފިޝާމް ޤަބޫލު ކުރައްވާ ގޮތުގައި ގޭގެއަށް ޒިޔާރަތް ކޮށްގެން ވެސް އޭނާއަށް އެއްކުރެވުނީ ރައްޔިތުން އުޅޭ ބިކަ ޙާލުގެ ވާހަކަތަކެވެ. މީހުންގެ ހިތްދަތި ދިރިއުޅުންތައް ހަމަ ލޮލުން ބަލާލުމުގެ ފުރުސަތާއެކު ކެމްޕޭނަކަށްފަހު ކެމްޕޭނެއްގައި އޭނާ ދިޔައީ ބައިވެރިވަމުންނެވެ. އޭރު ގުލްފިޝާމް އަށް ފާހަގަވި އެއްކަމަކީ ތަޢުލީމީ ދާއިރާގައި ދެމިހުރެގެން ސިޔާސީ ޖަގަހަ ތަކުން ފެންނާކަށް ބެލެނިވެރިން ރުހުން ނުދިން ކަމެވެ. އެއީ އެމީހުންނަށް ބަލައި ނުގަނެވުނު ކަމެއް ކަން އެނގުމުން ގުލްފިޝާމްގެ ކަށީގައި އުފެދުމުގައިވެސް ހުރި ސިޔާސީ ފިކުރުގެ ސިފަ އޭނާއަށް ނެރެން ހުރަސްތަކެއް ކުރިމަތިވިއެވެ.

އެހާތަނަށް އައިއިރު ، ކޮންމެ ބަޔަކު ގެނަޔަސް މުޖުތަމަޢަށް ގެނެވޭ ކޮންމެ ކުރިއެރުމެއް ބަލައިގަތުމަށް އޭނާގެ ހިތުގައި އޮތް ޢަޒުމް ޙަޤީޤަތާއި ދުރަށް ދާ މަންޒަރު ފެންނަން ފެށިއެވެ. އައްޑުއަކީ އެމްޑީޕީއަށް މަރުދޭ ތަނަކަށް ވެފައި އޭރުއޮތް ސަރުކާރަކީ ޕީޕީއެމް އަށް ވުމުން ކައުންސިލާއި އަންހެނުންގެ ކޮމިޓީއިން ،ސަރުކާރުން އައްޑޫގައި ހިންގަން ރާވާ ކަންތައްތަކަށް ފިނި ތަރްޙީބެއްދޭތީ އެއީ ގުލްފިޝާމްއަށް ކެތްކުރެވޭ ވަރު ކަމަކަށް ނުވިއެވެ. އެކަމުގެ ތެރޭ ހިނގި ޚިޔާލު ތަފާތުވުން ތަކަކަށް ފަހު ގުލްފިޝާމް ޕީޕީއެމް އަށް ސޮއިކުރިއެވެ. މިއީ އޭނާގެ ޢާއިލާއާއި އަދި މުޅި އެމްޑީޕީ ވެސް ރުހުނު ކަމެއް ނޫނެވެ.

އެތައް ބައެއްގެ ނުރުހުމާއެކުވެސް އަނެއްކާވެސް ގުލްފިޝާމް މަސައްކަތް ކުރެއްވީ ސިޔާސީ މައިދާނުގައި ފައިތިލަ ސާބިތު ކުރެވޭތޯއެވެ. ” އަޅުގަނޑަކީ ތަނަވަސް ޢާއިލާއަކުން އައި މީހެއް ނޫން. މިހިސާބަށް ގެނައީ މައިން ބަފައިން ދަރަނިވެރިވެގެން ވަރަށް ޙާލުގައި ތިބެގެންވެސް ތަޢުލީމަށް ދިން އަހައްމިއްޔަތެއްގެ ބޮޑު ކަމުން. ސިޔާސީ މައިދާނަށް އަޅުގަނޑު ވަނުމުގައި ޓީޗަރަކަށް ހުރުމުން ގިނަ ގޮންޖެހުންތައް ކުރިމަތިވި. ދާއިރާގެ ގޮތުން ވަރަށް ބޮޑަށް ފިލާ ހުންނަން ޖެހެނީ. އެކަންކަން ޙައްލު ކޮށް ފާޅުގައި ޙަރަކާތްތެރިވުމަށް ފެނަކައިން ލިބުނު މަޤާމްގެ ބޭނުން ހިފީ.”

އެންމެން ނަގާކިޔާ ބޮޑު މަޤާމަށް އާދެވުނު ގޮތް ކިޔައިދެއްވަމުން ގުލްފިޝާމް ވިދާޅުވީ އޭނާގެ ދާއިރާއާއި ނުވެސް ގުޅޭ މަޤާމަކަށް އައުމުން ގިނަ ކަންތައްތަކެއް ދަސްކުރަން ޖެހުނު ކަމަށާއި އެއީ އޭނާއަށް ކުރެވުނު ވަރަށް ބޮޑު ތަޖްރިބާއެއް ކަމަށެވެ. އެތަނުގެ އެޗްއާރް އެންޑް އެޑްމިންގެ ޑިރެކްޓަރަކަށް ހުރެގެންވެސް މަގުހެދުމާއި ނަރުދަމާގެ ކަންތަކާއި ޚާއްސަ އެހީއާއި ކުޅިވަރުގެ ރޮނގުން އައްޑުއަށް ކުރިއެރުން ހޯދައިދެއްވުމަށް އަޑު އުފުއްލެވިއެވެ. އެހެންނަމަވެސް ކަންކަން ވާން ނެތްކަން ފާހަގަވި ހިސާބުން މާޔޫސްވެފައި ހުންނަވަނިކޮށް އޭނާއަށް ދެން ކުރިމަތިވީ މާ އެހެން ކަހަލަ ޕްރެޝަރ ތަކެކެވެ. ޕީޕީއެމް އިން އަރާ ހަމަކުރެވުނު ހިސާބުން މަޖްލީހަށް، ކައުންސިލަށް ކުރިމަތިލާނެ ކަމުގެ ބިރު އޭރުވެސް އެކަމަށް ފައިނަގާފައިތިބި ފަރާތްތަކަށް ކޮށްފިއެވެ. ދެންފެށީ ގުލްފިޝާމްގެ ބަހުން ނަމަ މަތި ފަޑިން ވައްޓާލަން ހިފުމެވެ. އެކަމުގެ ތެރޭ ހިނގާދިޔަ ކަންތައް ތަކާހެދި އިތުރަށް ކުރިއަށް ދިޔުމުގެ ރޫޙު އޭނާގެ ކިބައިން ނެތިދިޔައެވެ. ” ފެނަކައަކީ ކެމްޕޭން އޮފީހެއް ކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވުނު. ބައެއްގެ ތްރެޓަކަށް އަޅުގަނޑު ވެއްޖެ. ޕިކްޗަރ އިން ބޭރުކޮށްލަން އެދި އެދި އެތައްބަޔަކު ތިބިކަން އެނގުނު. އަޅުގަނޑުގެ ޕީސް އޮފް މައިންޑް ތަނެއް ނުދިން އެކަހަލަ ހަޑި ގޭމެއް ކުޅޭކަށް. އަބަދުވެސް ކިޔަވަން އެދި އެދި ހުއްޓާ އެކަމަށްވެސް ވަގުތު ތަން ނުދިން. އެހިސާބުން މަޖްބޫރުވީ އެހެން ދިމާއަކަށް ދާން.

ފެނަކައިން ވަކިވެ ތަޢުލީމީ ދާއިރާއަށް އަނެއްކާވެސް ދިޔަ ގޮތް ގުލްފިޝާމް ކިޔައި ދެއްވިއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިއާންޒް އިންޓަނޭޝަނަލް ސްކޫލަށް ބަދަލުވިފަހުން ، ނިމިގެން މިދިޔަ އަހަރު ބޭއްވި މަޖްލިސް އިންތިޚާބާއެކު އޭނާ ވަނީ އަލުން އެމްޑީޕީ އާއި ގުޅިފައެވެ.

އެހެންކަމުން މިއަދު ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާގެ ކައުންސިލަރަކަށް ކުރިމަތި ލުމަކުން އޭނާއަށް ދިއްކޮށްލެވޭނެ އިނގިއްޔެއް ނޯންނާނެއެވެ. އެއަށްވުރެ އޭނާގެ ޚިދުމަތްތެރިކަން ދާއިރާގެ ރައްޔިތުން ޤަބޫލު ކުރާނެއެވެ. ” މިއީ އަޅުގަނޑު އުޅެ ބޮޑުވި ދާއިރާ . މިތާ ދިރިއުޅެނީ ޢާއިލާއާއި ރައްޓެހިންނާއި ގާތްތިމާގެ މީހުން. ކިޔަވައި ދިނުމުން ފެށިގެން ކުޅިވަރާއި އިޖްތިމާޢީ ޙަރަކާތުންވެސް އަޅުގަނޑުގެ ޚިދުމަތް މިދާއިރާއަށް އަބަދުވެސް ލިބި ލިބި ހުންނާނެ. އެންމެންގެ ލޯތްބާއި އިތުބާރު އޮތަތީ ނިކުމެ މިހިރީ “.

ގުލްފިޝާމް އައްޑޫ ސިޓީގެ ބަސް ވިކޭ މަޤާމަކަށް ކުރިމަތި ލާފައި ވާއިރު މިކަމުގައި އޭނާގެ އުއްމީދެއްވެސް އެބަ އޮތެވެ. ރައްޔިތުންނަށް އޭނާ ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ މިއެވެ. ” އަޅުގަނޑަށް އިތުބާރު ކުރައްވާ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ އިޙްސާސްތައް ދަނެގަނެ ކެރިގެން އަޑު އުފުލާ ޙައްޤަށް ވަކާލާތު ކުރާނެ މީހަކަށް. ”

ގުލްފިޝާމް ވިދާޅުވީ ބަޔަކު ދައްކާ ބިރަކަށް އޭނާ ޖެހިލުންވެ ނުސިހޭނޭ ކަމަށެވެ. ކެރިގެން ކުރިއަށްދާނީ މުޅި ރައްޔަތް އެކުގައި ގޮވައިގެން ކަމުގެ ޔަޤީން ކަން އޭނާ އަރުވައެވެ.

އޭއޯ ނިއުސްއިން ގުލްފިޝާމް އަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެމެވެ. މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި ގުލްފިޝާމް ކުރައްވާ ބުރަމަސައްކަތުގައި ﷲ ބަރަކާތް ލައްވާށިއެވެ.