English Edition
Dhivehi Edition
ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ޔުނެސްކެޕްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ސީއެސްސީ)

އދގެ މަޖިލީހުން 2015 އަހަރުން 2030 އާދެމެދު ހާސިލްކުރުމަށް ކަނޑައަޅާ ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލްސް ނުވަތަ ދެމެހެއްޓެނިވި ތަރައްޤީ ގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ސިވިލް ސަރވަންޓުންނަށް ތަމްރީނާއި މަޢުލޫމާތު ހޯދުމާ ގުޅޭގޮތުން ބެންކޮކްގައި ހުންނަ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ޕެސިފިކް (ޔުނެސްކެޕް)ގެ އޮފީހަށް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ޒިޔާރަތްކުރައްވަވައި މަޝްވަރާކުރައްވަވައިފިއެވެ.

އެގޮތުން މިއަދު ކޮމިޝަނުގެ ރައީސް ވަނީ އެސްކެޕްގެ އެންވާރމަންޓް އެންޑް ޑިވެލޮޕްމަންޓް ޑިވިޝަންގެ ޑިރެކްޓަރ މިސްޓަރ ސްޓެފަނޯސް ފޮޓިއޯ އާ ބައްދަލުކުރައްވަވައި މަޝްވަރާކުރައްވަވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލްސް ހާސިލް ކުރުމަށް ކަންކަން ރާވައި ތަންފީޒުކުރާނެގޮތާބެހޭ ތަމްރީނެއް ސިވިލް ސަރވަންޓުން އަށް ހިންގުމާގުޅޭ ގޮތުންނާއި އަދި ސާރކްގެ ގައުމުތަކުގެ މަންދޫބުންނަށް ރާއްޖޭގައި އެސްޑީޖީ ހާސިލްކުރުމާގުޅޭ 2 ދުވަހުގެ ވާރކްޝޮޕެއް އެސްކެޕްގެ ފަރާތުން ހިންގެވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށެވެ.

އަދި އެކަމަކީ މިއަހަރު ސާރކް ގައުމުތަކުގެ މެދުގައި ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ބާއްވާ ބައްދަލުވުން ނުވަތަ ހަތް ވަނަ ކޮންފަރެންސް އޮފް ޕަބްލިކް ސިިވިލް ސަރވިސް ޗީފްސް ރާއްޖޭގައި ބޭއްވުމާއި ގުޅިގެން އިތުރަށް ތަމްރީނު ޕްރޮގްރާމެއް ހިންގަންޖެހޭތީ، އެ މަގްސަދުގައި ބޭއްވޭތޯ މަޝްވަރާކުރެވުނު ކަމެއް ކަމަށް ސީއެސްސީ އިން ބުނެއެވެ.

އަދި ސީއެސްޓީއައި ގެ ލައިބްރަރީއަށް އެސްޑީޖީ އާ ގުޅޭގޮތުން މަޢުލޫމާތު އެކުލެވޭ ތަކެތި ހޯދުމުގެ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށްވެސް ސީއެސްސީ އިން ބުނެއެވެ.

އެ ބައްދަލުވުމުގައި އެސްކެޕްގެ ފަރާތުން އެހީތެރިކަންދެއްވާނެ ކަމަށާއި މިކަމަށް ފައިސާގެ އެހީތެރިކަން ހޯދޭތޯ އެސްކެޕްގެ ބަޖެޓާބެހޭ ކޮމިޓީއަށް ހުށަހަޅުއްވަވާދެއްވާނެކަމުގައި ޑިރެކްޓަރ ސްޓެފަންސް ވިދާޅުވެފައިވެއެވެ.

އެ ބައްދަލުވުމުގައި ތައިލޭންޑް ގެ ބެންކޮކްގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސިލަރ ޢަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.