English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރުން މިމަހު ފަހުކޮޅޮ ބާއްވަން ތާވަލް ކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާއަކީ ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދިވެހި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައެވެ.

މި މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރީމަނާ ކުރުމަށް ޙުކުމް ކޮށްފައެވެ.

އިދިކޮޅުން ރައީސް ޔާމީން ދޫކޮށްލުމަށް އަޑުއުފުލަމުންދާއިރު ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގައި އެވެ.އަދި އެމަނިކުފާނު މިނިވަން ކޮށްދިނުމަށް އެދި އިދިކޮޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި ވެސް ބައްދަލުކޮށްފައެވެ.