English Edition
Dhivehi Edition
ވައިބާ އެޕްގެ އައިކޮން - ފޮޓޯ: ގޫގުލް

ވެކްސިން ދިނުމާއި ދެކޮޅަށް މަޢުލޫމާތު ފަތުރަމުންދާ ވައިބަރ ގްރޫޕެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ވެކްސިން ދިނުމާއި ދެކޮޅަށް އާންމުންނަށް މަޢުލޫމާތު ދޭ ވައިބަރ ގްރޫޕެއް ހަދައިގެން އުޅޭ މައްސަލައެއް 2019 ވަނަ އަހަރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

“ވެކްސިން ރައްކާތެރިތަ؟”، މި ނަމުގައި ހިންގަމުން އަންނަ ވައިބަރ ގްރޫޕްގައި 1،800 އަށްވުރެ ގިނަ މެންބަރުން ތިބޭއިރު، އެ ގްރޫޕްގައި ވެކްސިން ދިނުމާއި ދެކޮޅަށް ގިނަ ލިޔުންތަކެއް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ގްރޫޕްގައި އުޅޭ ބައެއް މީހުން ވަނީ ވެކްސިން ދިނުމާއި ދެކޮޅު މީހުންނަށް ވެކްސިން ދިނުމުގެ މުހިންމުކަން ވިސްނައިދިނުމަށް ވެސް ވަރަށް މަސައްކަތްކޮށްފަ އެވެ.

ވެކްސިން އާއި ދެކޮޅު ވައިބަރ ގްރޫޕެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި މިވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅިތާ ދޮޅު އަހަރު ދުވަސް ފަހުން ރާއްޖެއިން  އަނެއްކާވެސް ހިމަބިހި ފެނިފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖެއިން ނައްތާލެވުނު ހިމަބިހި އަލުން ފެތުރެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު މިހާތަނަށް ކުޑަކުއްޖަކާއި، ބޮޑު މީހަކުވަނީ ހިމަ ބިއްސަށް ޕޮޒިޓްވެފައެވެ. އޭގެ ފަހުން ހިމަބިއްސަށް ޝައްކުވެގެން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ވެސް ވަނީ ފަރުވާ ދީފައެވެ. ނަމަވެސް ހެލްތު މިނިސްޓްރީ އިން ބުނީ އެކުއްޖާ ހިމަބިއްސަށް ނެގެޓިވް ކަމަށާއި، އެ ކުއްޖާ އަކީ ހިމަބިހީގެ ވެކްސިންވެސް ޖަހާފައިވާ ކުއްޖެއް ކަމަށެވެ.

ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި؛ ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.