English Edition
Dhivehi Edition

ކުރިއަށް އޮތް ފެބްރުއަރީ މަސްތެރޭގައި އައްޑޫ ސިޓީއިން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް، ގޯތި ދޫކުރެވޭ ވަރު ވެގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާ އެކަމަށް ބޭނުންވާ ފަރާތްތަކުން ގޯއްޗައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

2020 ވަނަ އަހަރުގެ ކައުންސިލް ބަޖެޓަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ ކުރިއަށް އޮތް ފެބްރުއަރީ މަސްތެރޭ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ގޯތި ދޫކުރެވިގެންދާނެ ކަމަށެވެ. އަދި މިފަހަރު ދޫކުރާ ގޯތިތައް ދޫކޮށް ނިމުމާއެކު އަނެއްކާވެސް ގޯތި ދޫކުރުމަށް، އިއުލާންކުރެވިގެންދާނެ ކަމަށް ޝުކުރީ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫ އިން ގޯތިދޫކުރުމަށް އިއުލާންކުރިތާ ހަމަސް ދުވަހަށްވުރެ ގިނަވެފައިވާއިރު އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) ވިދާޅުވީ 2020 އަހަރުގެ ބަޖެޓް މަސައްކަތް ނިމުމާއެކު ގޯތި ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. “އަވަށު އޮފީސްތަކުން ފޮނުވާފައިވާ ފޯމްތަކަށް ޕޮއިންޓް ދޯފައިވާ ގޮތް ބަލާ އެ ފޯމުތައް ރިވިއުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ” މީގެ އިތުރުން މޭޔަރ ވިދާޅުވީ ސިޓީ ކައުންސިލުން މަސައްކަތްކުރަމުންދަނީ އަލަށް ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކާއެކު، ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށްވެސް ފްލެޓް ދޫކުރުމަށް ކަމަށެވެ.

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުދޫ އިން 2000 އަކަފޫޓްގެ 50 ގޯއްޗާއި މީދޫ އިން 2000 އަކަފޫޓްގެ 50 ގޯއްޗެވެ.