English Edition
Dhivehi Edition
ރައީސް، ޑިސެމްބަރު 2018 ގައި މާލޭ ސޯޝަލް ސެންޓަރު ސަރަޙައްދުގައި ބޭއްވި "ހަފުތާ ރެސް" ބައްލަވާލައްވަނީ - ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ އެންމެ ފުރަތަމަ “ހަފުތާ ރެސް” އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން މިއަދު ބުނީ މި އަހަރުގެ ފުރަތަމަ “ހަފުތާ ރެސް” އޮންނާނީ 17 ޖެނުއަރީ 2020 ވާ ހުކުރު ދުވަހުގެ ހަވީރޔ 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލޭގައި ކަމަށެވެ.

އަދި އެ ޙަރަކާތުގައި މީރު ކެއުމާއި މިއުޒިކް ތަޖުރިބާކޮށްލެއްވުމަށް ހުރިހާ ރައްޔިތުންނަށްވެސް އެ މިނިސްޓްރީ އިން ވަނީ ދައުވަތު އަރުވައިފަ އެވެ.

“ހަފުތާ ރެސް” އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކޮންމެ ހަފްތާއެއް ނިންމުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ އިވެންޓެކެވެ.

ހަފުތާ ރެސް ހަރަކާތަކީ ޔޫތު މިނިސްޓްރީގެ ފަރާތުން އިންތިޒާމް ކޮށްގެން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި، އަންހެނުންނާއި، އަދި ޙާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ވީކްއެންޑް މާކެޓްގެ އިތުރުން ހަފުތާ ރެސް ގެ މި ހަރަކާތުގައި، މިއުޒިކް އަދި ޓެލެންޓް ޝޯއާއި، ކުޑަކުދިންނަށް ޙާއްޞަކޮށްގެން ބާއްވާ ކުޅިވަރުތައްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.