English Edition
Dhivehi Edition
22 އޮގަސްޓް 2019 ގައި އެމްޑީޕީ އިން އެ ޕާޓީގެ ކައުންސިލަރުންނަށް ބޭއްވި ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި އެވެ.

އެމްޑީޕީ އިން ރޭ އާންމުކުރި ލިސްޓުތަކުގައިވާ ގޮތުން، ސިޓީ ކައުންސިލް ތަކަށް 108 ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާއިރު، އަތޮޅު ކަންސިލްތަކަށް 53 ކެންޑިޑޭޓުން އަދި ރަށު ކައުންސިލްތަކަށް ޖުމްލަ 1067 ކެންޑިޑޭތުން ވަނީ ކުރިމަތިލައްވައިފަ އެވެ. މިއާއެކު އެމްޑީޕީގެ ޕްރައިމަރީގައި ޖުމްލަ 1228 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމަށް ރައީސް ކަނޑައަޅުއްވާފައި ނުވާތީ އެ ސިޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައެއް ނުވެއެވެ.

އެމްޑީޕީ އިން ވަނީ މިހާރު ކުޅުދުއްފުށި ސިޓީގެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު 16 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށް ހުޅުވާލާފައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓް ރޭ އާންމުކުރިއިރު، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓް ޖެނުއަރީ 15 ވަނަ ދުވަހު އާންމުކުރާނެ ކަމަށްވެސް އެމްޑީޕީ އިން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމުގައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.