English Edition
Dhivehi Edition

މިއަދަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގެ ތާރިހުގައިވެސް އުފާވެރި މަންޒަރުތަކެއް ފެނިގެން ދިޔަ އުއްމީދީ ދުވަހެކެވެ.ދިރާސީ އާ އަހަރު އެ ދެ އަވަށަށްވެސް ފެށިގެން ދިޔައީ ގިނަ ގޮންޖެހުންތަކަކާއެކު ލިބުނު ފޮނި ކާމިޔާބީގެ ހިތްހަމަޖެހުމާއެކުގައެވެ.މިއަދަކީ ދެ އަވަށުގައި ތައުލީމު ހާސިލްކުރާ ހުރިހާ އުމުރެއްގެ ކުދިންނަށް އެއް ފުރާޅެއްގެ ދަށުން ތައުލީމު ހާސިލްކުރެވޭނެ އިންތިޒާމެއްގެ، އިންތިޒާރުގައި ތިބި ގިނަ ބެލެނިވެރިންގެ އިންތިޒާރަށް ނިމުން އައި ދުވަހެވެ.

މިއަދު ސ.އޮތޮޅު މަދަރަސާއިން ފެނިގެން ދިޔަ މި އުފާވެރި މަންޒަރަކީ ވަރަށް ގިނަ ގޮން ޖެހުންތަކާއެކު ފެނުނު އުފާވެރި މަންޒަރެއް ކަމާއި މެދު ޝައްކެތް ނެތެވެ. 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ނިމިގެން ދަނީ ބެލެނިވެރިންގެ މެދުގައި ބޮޑު ހިތްހަމަނުޖެހުންތަކާއެކުގައެވެ. 2017 ވަނަ އަހަރު ގިނަ ބެލެނިވެރިންގެ އެދުމާއެކު ކީ ސްޓޭޖް ތިނެއް ސ.އަތޮޅު މަދަރަސާއަށް ބަދަލުނުކުރި ނަމަވެސް 2018 ވަނަ އަހަރު ކީސްޓޭޖް ތިނެއް ސ.އަތޮޅު މަދަރަސާއަށް ބަދަލުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ހުޅުމީދޫއަށް ވަޑައިގެން ބެލެނިވެރިންނާއި ރަށުގެ ހަރު މީހުންނާއި މަޝަވަރާކުރުމަށްފަހުގައެވެ. އޭރު މިނިސްޓަރ ވިދާޅުވީ އެޑިއުކޭޝަނުން ނިންމާނީ ގިނަ ބެލެނިވެރިން އެދޭ އަދި ދަރިވަރުންނަށްވެސް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށެވެ. 2019 ވަނަ އަހަރުގެ މެދު ތެރޭގައި ހުޅުދޫ ސްކޫލާއި ޝަމްސުއްދީން ސްކޫލް އުވާލުމުގެ ވާހަކަތަކުގެ އަޑު ގަދަވެގެން ދިއުމާއެކު އަނެއްކާވެސް ބެލެނިވެރިންނާއި ކުރިމަތިވީ އިތުރު ނުތަނަވަސްކަމެކެވެ. މި ނުތަނަވަސްކަމާއެކު މި މައްސަލައިގައި ދެކޮޅަށް އަޑުއުފަލަމުން ދިޔަ ބައެއް މީހުން ވަނީ ކިޔަވާ ކުދިންގެ އަދަދު މަދު ކަމަށް ބުނެ ޝަމްސުއްދީން ސްކޫލް ބަންދުކުރުމަކީ އެ މީހުން ރުހޭ ކަމެއް ނޫންކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ.

މި މައްސަލަތަކާއެކު އެޑިއުކޭޝަން މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށްފައިވާއިރު ކައުންސިލުން ބުނީ ހުޅުދޫ ސްކޫލާއި ޝަމްސުއްދީން ސްކޫލަށް ބަދަލު ގެންނަނީ “ފޭސް އިން އަދި ފޭސް އައުޓް” ސިޔާސަތުގެ ދަށުން ކަމަށެވެ. ފޭސް އިންގެ ބައިގައި ހިމެނޭ ސްކޫލްތަކުގެ އުމުރާނީ ވަސީލަތްތައް ތަރައްގީކޮށް، ޖާގަ ބޮޑުކޮށް، އިތުރު ކުދިން ވައްދަ އެވެ. ފޭސް އައުޓް ކުރާ ސްކޫލްތައް ބަދަލުކުރަނީ، ތައުލީމީ އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށެވެ. އެޑިއުކޭޝަންގެ ނިންމުމާއި ދޭތެރޭ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް ދުރުވިސްނޭ ގިނަ މީހުންވަނީ އެ ނިންމުމަކީ ރަގަޅު ނިންމުމެއްކަމުގައި ބުނެ އެޑިއުކޭޝަނުން ގެނައި ބަދަލަށް ތައުރީފުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާއެކު މިއަދު ސްކޫލުގައި ތައުލީމު ހާސިލްކުރާ ދަރިވަރުން އިތުރުވެ، ސްކޫލަށް ގެނެސްފައިވާ ހެޔޮ ބަދަލު ބެލެނިވެރިން ބަލައިގަތީ ޝުކުރުވެރިކަމާއެކުގައެވެ. “މިއީ ވަރަށް އުފާވެރި މަންޒަރެއް. އަޅުގަނޑުގެ އަބަދުވެސް އުއްމީދަކީ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތަކާއެކު ރަގަޅު ތައުލީމެއް ލިބިގެން ދިއުން. އަޅުގަނޑު ގަބޫލުކުރަނީ ތިން ސްކޫލް އެއްކޮށްލުމުން ދަރިވަރުންނަށް ގިނަ ވަސީލަތްތަކެއް ލިބި ސަރުކާރުންވެސް މި ސްކޫލަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދެއްވާނެކަމަށް”ބެލެނިވެރިއަކު ބުންޏެވެ. ސްކޫލުގެ މެނޭޖްމެންޓަކީ ގާބިލު މެނޭޖްމެންޓެއްކަން ފާހަގަކުރަމުން ބެލެނިވެރިންވަނީ ސްކޫލުގެ މުއައްޒަފުން ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ސްކޫލަށް ގެނެސްފައިވާ ބަދަލާއި މެދު ހިތްހަމެޖެހިފައެވެ. “އެންމެ ފުރަތަމަ ދުވަހުވެސް ފެނިގެންދިޔައީ ހިންގުންތެރިކަމާއި ރޭވުންތެރިކަމާއެކު ހުރިހާކަމެއްވެސް ވަކި އިންތިޒާމެއްގެ ދަށުން ނިމިގެން ދިޔަ މަންޒަރު.”ބެލެނެވެރިއަކު ބުންޏެވެ.ކުރިން ސްކޫލް ބަދަލުކުރަންޖެހުމުން ހިތްހަމަނުޖެހިފައިތިބި ގިނަ ބެލެނިވެރިންގެވެސް ހިތްހަމަނުޖެހުންތައް ފިލާ ގޮސް މިއަދު އަނެއްކާވެސް ހުޅުދޫ މީދޫ އަށް މި ލިބުނީ ތައުލީމީ އިތުރު ހަރުފަތަކަށް ދިޔުމުގެ ފުރުސަތެކެވެ. ބެލެނިވެރިންގެ އުއްމީދަކީ މި ގެނައި ހެޔޮ ބަދަލުގެ ނަތީޖާ ދަރިވަރުންގެ ނަތީޖާއިން ވެސް ފެނިގެން ދިއުމެވެ.