English Edition
Dhivehi Edition

ވިސާ ނެތި ރާއްޖޭގެ ޕާސްޕޯޓުގައި ދުނިޔޭގެ 85 ޤައުމަކަށް މިހާރު ދަތުރުކުރެވެއެވެ. ހެންލީ އެންޑް ޕާޓްނާސް އިން ކޮންމެ އަހަރަކުވެސް ނެރޭ ޕާސްޕޯޓް އިންޑެކްސްގައި މި އަހަރު ދިވެހިރާއްޖެ ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައި މިދިޔަ އަހަރެކޭ އެއްގޮތަށް ދެކުނު އޭޝިޔާގެ އެންމެ ބާރުގަދަ ޕާސްޕޯޓު އޮންނަ ޤައުމުގެ ޝަރަފު ހޯދާފައެވެ.

ހެންލީ އެންޑް ޕާޓްނާސް އިން އެކި ޤައުމުތަކުގެ ޕާސްޕޯޓުތައް ވަޒަން ކުރަމީ އެ ޕާސްޕޯޓުތަކުން ދުރާލާ ވިސާ ހޯދުމެއް ނެތި، ފަސޭހަކަމާ އެކު އެތެރެވެވޭ ޕާސްޕޯޓުތަކަށް ބަލައިގެންނެވެ.

މިދިޔަ އަހަރު ރާއްޖެ އޮތީ މި ވަޒަންކުރުމުން ދުނިޔޭގެ 62 ވަނައިގައެވެ. ނަމަވެސް މި އަހަރު ރާއްޖެ ވަނީ 61 ވަނައަށް އަރައި ދެކުނު އޭޝިޔާގެ އެއް ވަނައަަށް އަރައިފައެވެ. މި ލިސްޓުގައި ދެވަނައަށް އޮތީ އިންޑިޔާއެވެ. 84 ވަނައިގައި  އޮތް އިންޑިޔާގެ ޕާސްޕޯޓުގައި ދަތުރުކުރެވެނީ 58 ޤައުމަށެވެ. މި ސަރަހައްދުގައި ތިންވަނައަށް އޮތީ ބޫޓާނެވެ. 89 ވަނައިގައި  އޮތް ބޫޓާނުގެ ޕާސްޕޯޓުގައި ވިސާނެތި ދަތުރުކުރެވެނީ 53 ޤައުމަށެވެ.

ޖަޕާނުގެ ޕާސްޕޯޓަކީ ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓެވެ.އެޤައުމުގެ ޕާސްޕޯޓުގައި 191 ޤައުމަށް ވިސާ ނެތި ދަތުރުކުރެވެއެވެ.