English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ޢާންމުކޮށް، އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 21:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށާއި، އެ ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އީސީ އިން ވަނީ ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށްފަހު އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ވެސް މިރޭ 21:00 އާއި ހަމައަށް ހުޅުވާލައިފަ އެވެ. އެގޮތުން އެ ކޮމިޝަނުގެ އީ-މެއިލް ([email protected])، ޓްވިޓަރ (@ElectionsMv) އަދި ފޭސްބުކް (@electionscommission) މެދުވެރިކޮށްވެސް ޚިޔާލު ހުށަހެޅޭނެ ކަމަށް އީސީ އިން ބުނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތް:

  1. ކުޅުދުއްފުށި އުތުރު ދާއިރާ: އާބާދީ – 1678 މީހުން
  2. ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ: އާބާދީ – 1665 މީހުން
  3. ކުޅުދުއްފުށި މެދު އުތުރު ދާއިރާ: އާބާދީ – 1752 މީހުން
  4. ކުޅުދުއްފުށި މެދު ދެކުނު ދާއިރާ: އާބާދީ – 1732 މީހުން
  5. ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ: އާބާދީ – 1736 މީހުން
  6. ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ: އާބާދީ – 1647

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.