English Edition
Dhivehi Edition

ހިމަބިހި ޖެހިގެން ފަރުވާ ހޯދި ކުއްޖާއަކީ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖެކެވެ. މިބަލި ދެނެގެނެވެފައިވަނީ ،ރާއްޖޭގައި ގާއިމުކޮށްފައިވާ ހިމަބިއްސާއި ރުބެއްލާގެ ސަވައިލެންސް ނިޒާމުގެ ތެރެއިން ކަމަށް އެޗްޕީއޭއިން ބުންޏެވެ. މި ނިޒާމުގެ ދަށުން، ހުން އައުމާއެކު ހަމުގައި ބިހި ނަގައިފިނަމަ މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރެވޭނެ ކަމަށާއި، އެގޮތުން 2019 ވަނަ އަހަރު 66 މީހަކު މީސްލްސް އަދި ރުބެއްލާއަށް ޓެސްޓުކުރެވުނު ކަމަށް އެޗްޕީއޭ އިން ނެރުނު ބަޔާނުގައިވެއެވެ.

އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އެޗްޕީއޭ އިން ވަނީ މިކުއްޖާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ، އެ ދުވަސްތަކުގައި އެކުއްޖާއާއެކު އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދާ، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް، ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ބަލި ފެތުރޭ މުއްދަތުގައި އެ ކުއްޖާ ދިޔަ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވާ ތަންތަނާއިވަގުތުތައް:

  • ހުޅުމާލޭ ހޮސްޕިޓަލް (ޖެނުއަރީ، 4، 2020ގެ ރޭގަނޑު 8އިން 11އަށް)
  • ހުޅުމާލެ ހޮސްޕިޓަލް (ޖެނުއަރީ 5، 2020ގެ ހަވީރު 5އިން ރޭގަނޑު 9އަށް)
  • ސެނަހިޔާ (ޖެނުއަރީ 6، 2020ގެ ރޭގަނޑު 7އިން 10އަށް)
  • ހުޅުމާލެ ހޮސްޕިޓަލް (ޖެނުއަރީ 7، 2020ގެ ރޭގަނޑު 7އިން ދަންވަރު 2އަށް)
  • ޓްރީޓޮޕް ހޮސްޕިޓަލް (ޖެނުއަރީ 8، 2020 ހެނދުނު 11:30އިން މެންދުރު 13:30އަށް)
  • ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގެ ވަށައިގެންވާ ކެފޭތައް (ޖެނުއަރީ އެކަކުން ނުވައަކަށް)

އެ ތަންތަނަށް އެ ގަޑިތަކުގައި ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ މީހުން 21 ދުވަހުގެ ތެރޭގައި ހުން އައުމާ އެކު ހަމުގައި ބިހި ނަގައިފި ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ސިއްހީ ފަރުވާ ހޯދުމަށް، މާލޭގައި ނަމަ އައިޖީއެމްއެޗްގެ އެމަޖެންސީ ޓްރިއާޖަށް ދިއުމަށާއި، ހުޅުމާލޭގައި ނަމަ 1417 އިން ހުޅުމާލޭ ހޮސްޕިޓަލަށް ގުޅުމަށާއި، އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ގޮސް އަލާމާތްތަކުގެ މައުލޫމާތު ކައުންޓަރަށް ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.