English Edition
Dhivehi Edition

އޮމާންގެ ރަސްގެފާނު ސުލްތާން  ޤާބޫސް ބިން ސަޢީދު އަލް ސަޢީދު އަވަހާރަވެއްޖެއެވެ. ޢުމުރުފުޅުން 79 އަހަރު ގައި އަވަހާރަވީއިރު ޤާބޫސް ރަސްގެފާނު ވެފައިވަނީ ޢަރަބި ލީޑަރުންގެ ތެރެއިން އެންމެ ގިނަ ދުވަހަށް ވެރިކަމުގައި ހުންނެވި ރަސްކަލެއްގެ ގޮތުގައެވެ.

ސުލްތާން ޤާބޫސް ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާތީ ބެލްޖިއަމްގައި ބޭސްފަރުވާ ކުރެއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެންނެވީ މިދިޔަ މަހުގެ ތެރޭގައެވެ.

1970 ވަނަ އަހަރު ސުލްތާން ޤާބޫސް ވަނީ އިނގިރޭސީންގެ ޙިމާޔަތާއެކު ބައްޕާފުޅުގެ ވެރިކަން ނިމުމަކަށް ގެނެސް ތަޚުތަށް އިސްވެފައެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ އޮމާން، ސުލްތާން ޤާބޫސްގެ ރަސްކަމުގައިވަނީ ވަރަށް ބޮޑަށް ތަރައްޤީކޮށްފައެވެ. ސުލްތާން ޤާބޫސް އަވަހާރަވީއިރު ކައިވެނި ބައްލަވާފައެއް ނުވެއެވެ. އެހެންކަމުން ތަޚުތަށް އިސްކުރައްވާނެ ދަރިކަލަކުވެސް ނެތެވެ.

ރަސްގެފާނު އިއްޔެ އަވަހާރަވެފައިވާއިރު އެކަން ރަސްމީކޮށް އިޢުލާން ކުރީ މިއަދުއެވެ.

އޮމާންގެ ހުސްވެފައިވާ ރަސްކަމުގެ ތަޚުތަށް ކުރިއަށް އޮތް 3 ދުވަހުގެ ތެރޭ މީހަކު ޢައްޔަން ކުރާނެ ކަމަށް ބެލެވެއެވެ. އެކަން ކުރާނީ އޮމާންގެ ޝާހީ ޢާއިލާގެ 50 މެންބަރުންގެ ކޮމިޓީއަކުންނެވެ. ޢާއިލާއިން އެކަމަށް އެއްބަސް ނުވެވިއްޖެނަމަ ޑިފެންސް ކައުންސިލް މެމްބަރުންނާއި ސުޕްރީމް ކޯޓާއި ސްޓޭޓް ކައުންސިލް ގެ ފަރާތުން ސުލްތާން ޤާބޫސް އަވަހާރަވުމުގެ ކުރިން ރިކޯޑު ކޮށްފައިވާ ސިއްރު  އޯޑިއޯއެއްގައިވާ މީހަކު ޢައްޔަން ކުރާނެއެވެ.

ސުލްތާންއަކީ އެޤައުމުގެ ހުރިހާ ކަމެއްގެ އެންމެ އިސްވެރިޔާއެވެ. އެއީ ބޮޑު ވަޒީރުގެ އިތުރުން ޑިފެންސާއި،ފައިނެންސާއި އަދި ފޮރިން އެފެއަރޒްގެ ވެސް މިނިސްޓަރެވެ.