English Edition
Dhivehi Edition

މުޅި އަހަރުގައިވެސް ސަލްމާން ހާންގެ އެންމެ ހާއްސަ ފިލްމުތަކަކީ އަބަދުވެސް ޢީދާއި ދިމާކޮށް ބެލުންތެރިންނަށް ބަލާލުމުގެ ފުރުސަތު ލިބޭ ފިލްމުތަކެވެ. މި ގޮތުން 2021 ވަނަ އަހަރުގެ ބޮޑު އީދުގައި ސަލްމާން ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން ތައްޔާރުވަމުންދާ ފިލްމުގެ ނަމާއި އެކު ޓުވިޓާގައި މިވަނީ ބަހުސެއް ފެށިފައެވެ.

‘ބާރަތް’ގެ ތަރި ސަލްމާން ހާން އާއި ސާޖިދް ގުޅިގެން މި ފަހަރު ގެނެސްދިނުމަށް ތައްޔާރުވަމުންދާ ފިލްމުގެ ނަމަކީ ‘ކަބީ އީދު،ކަބީ ދިވާލީ’ އެވެ. ފިލްމުގެ ނަމާއެކު ސަލްމާން ކުރި ޓުވިޓެއްގައި ބުނީ “ކުރިއަށް އޮތް އަހަރެންގެ ފިލްމަކީ ‘ކަބީ އީދު،ކަބީ ދިވާލީ. މި ފިލްމުގެ ވާހަކަ ލިޔެ ޕްރޮޑިއުސްކުރަނީ ސާޖިދް. ޑައިރެކްޓުކުރަނީ ފަރްހާދް”. ސަލްމާންގެ މި ޓުވިޓާ އާއި އެކު ގިނަ ބަޔަކުވަނީ ފިލްމަށް މިހާރުއްސުރެ އިންތިޒާރުކުރާކަމަށް ބުނެފައެވެ. އަދި ފިލްމުގެ ނަމާއި ބެހޭ ގޮތުން ގިނަ ބަޔަކު ބުނެފައިވަނީ ސަލްމާންއަކީ އަބަދުވެސް މީހުން ހައިރާންކޮށްލާފަދަ ނަންތައް ފިލްމުތަކަށް ކިޔާ ތަރިއެއް ކަމަށެވެ. ‘ބަޖްރަންގީ ބައިޖާން’ ގެ ނަމާއެކު ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނުކަން ފާހަގަކުރަމުން ބައެއް މީހުންވަނީ މި ފިލްމުގެ ނަމާއި ‘ކަބީ ހުޝީ، ކަބީ ގަމް’ ގެ ނަންވެސް ގުޅުވާލާފައެވެ.

2014 ވަނަ އަހަރު ސަލްމާން އާއި ސާޖިދް ގުޅިގެން އުފެއްދި ‘ކިކް’ގެ ކާމިޔާބީ އާއި އެކު ހަ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު މި ދެމީހުންގެ މި މަސައްކަތަކީވެސް ކާމިޔާބު މަސައްކަތަކަށްވާނޭކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ. މިހާރުއްސުރެ މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރަން ފަށާފައިވާއިރު އަދި މި ފިލްމުގެ މަސައްކަތް ފަށާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.