English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ އިދާރާ - ފޮޓޯ: ގޫގުލް

ލޯކަލް ކައުންސިލް އިންތިޚާބު 2020ގެ ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް މިރޭ އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް އިއުލާން ކުރުމާއި، އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން މިރޭ 21:00 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި އޮންނާނެ ކަމަށެވެ.

އަދި އެ ރަސްމިއްޔާތު އިލެކްޝަންސް ކޮމިޝަންގެ ޓްވިޓާ އަދި ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭނެ ކަމަށްވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހދ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ވޯޓު ލާންޖެހޭ ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތެވެ. އެގޮތުން އެމާއްދާގައި ބުނެފައިވަނީ އަތޮޅު ކައުންސިލް އެކުލެވިގެންވަނީ އެކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން ނަގާ އަތޮޅު ކައުންސިލްގެ ރައީސް އާއި އެއިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް އަދި އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭނަމަ އެ ސިޓީއެއްގެ މޭޔަރުގެ މައްޗަށް ކަމަށެވެ.

އަދި މޭޔަރަކީ އަތޮޅު ކައުންސިލްގެ މެންބަރެއް ކަމަށާއި، އަދި އަތޮޅު ކައުންސިލްގެ ރައީސް ހޮވާނީ އެ އަތޮޅުގެ އެންމެން ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އީސީ އިން ބުނީ ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކަނޑައެޅުއްވުމާއި ގުޅިގެން، ޤާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީގައި ސިޓީ ކައުނސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފަ އެވެ. ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ކުޅުދުއްފުށްޓަށްވެސް މޭޔަރަކު އިންތިޚާބު ކުރަންޖެހޭނެ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވާނީ މޭޔަރަކާއި އަންހެން ދެ ކައުންސިލަރުންނާއެކު ޖުމްލަ ހަތް ބޭފުޅުންނެވެ. ކުރިން ވެސް ކައުންސިލްގައި ތިއްބެވީ ހަތް މެންބަރުންނެވެ.

ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެންދިޔުމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 4 އަކަށް ބަދަލުވެގެންދިޔައީއެވެ.