English Edition
Dhivehi Edition

އިސްލާމީ މުޖުތަމައުގެ ތެރެއިން ބަޔަކު ދަނީ އިސްލާމީ އުސޫލުތަކާ ހިލާފުވަމުން ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު މުޖުތަމައަށް ކުރަމުންދާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. އަދި އޭގެ ނަތީޖާއަކީ ތަދުމަޑުކަމާއި، ދިރިއުޅުމުގެ ދަތިކަމާއި، އަނިޔާވެރިންގެ އަނިޔާތަކާ ކުރިމަތިވުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

މުސީބާތް ކުރިމަތިވާ ސަބަބުގެ މައްޗަށް ބިނާކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ މިއަދު މި މުޖުތަމައިން މާތްﷲ ހަރާމްކުރައްވާފައިވާ ފާހިޝް އަމަލުތައްވެސް ފެންނަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން އެތައް ގެއްލުމެއް ލިބޭކަމަށާއި، ހާއްސަކޮށް އޭގެ ސަބަބުން ކާބަފައިންގެ ޒަމާނުގައި ވެސް، ފެނިފައި ނުވާ ފަދަ ނުރައްކާތެރި އެތައް ބައްޔެއް، މީހުންގެ ތެރެއަށް ފެތުރިގެންދާ ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ މީގެ އެތަކެއް ގަރުނެއް ކުރިން ރަސޫލާ ދެއްވި އިރުޝާދުގެ ތެދުކަން މިއަދު މިދަނީ ފެންނަމުން ކަމަށާއި މިގޮތުން ބަލާއިރު ފާހިޝް އަމަލުތަކުގެ ސަބަބުން ފެތުރިފައިވާ އެންމެ ނުރައްކާތެރި ބައްޔަކީ އެއިޑްސް ބަލި ކަމަށެވެ. އަދި މި ނުރައްކާތެރި ބަލި އެންމެ މަދު ގައުމުތަކަކީ އިސްލާމީ ގައުމުތައް ކަމުގައިވީ ނަމަވެސް، މިއަދު މި ނުރައްކާތެރި ބަލި އިސްލާމީ މުޖުތަމައުތަކުގައި ވެސް ބާރަށް ފެތުރެމުންދާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

“އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނެތީ ކޮން ނުބައި ކަމެއްތޯއެވެ؟ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ފާޙިޝް ޢަމަލުތައް ވެސް އަޅުގަނޑުމެންގެ ތެރެއިން ފެންނަމުން އެބަ ދެއެވެ. މިކަމުގެ ސަބަބުން ލިބޭނެ ގެއްލުމަކީ، ކޮބައިކަން އިސްވެދިޔަ ނަބަވީ އިރުޝާދުގައި އެ ވަނީ ބަޔާން ކުރައްވާފަ އެވެ. އެއީ، އެބައި މީހުންގެ ކާބަފައިންގެ ޒަމާނުގައި ވެސް، ފެނިފައި ނުވާ ފަދަ ނުރައްކާތެރި އެތައް ބައްޔެއް، އެބައި މީހުންގެ ތެރެއަށް ފެތުރިގެން ދިއުމެވެ. މީގެ އެތަކެއް ޤަރުނު ކުރިން ރަސޫލާ ދެއްވި އިރްޝާދުގެ ތެދުކަން މިއަދު މިދަނީ ފެންނަމުންނެވެ. މި ގޮތުން ބަލާއިރު ފާޙިޝް ޢަމަލުތަކުގެ ސަބަބުން ފެތުރިފައިވާ އެންމެ ނުރައްކާތެރި އެއް ބައްޔަކީ އެއިޑްސް ބައްޔެވެ.“ މިއަދުގެ ހުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ހުތުބާގައި ވަނީ ވިޔަފާރި މުއާމަލާތްތަކުގައި ހަދަމުންދާ ބައެއް ގޯސްތަކަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ވިޔަފާރި ކުރުމުގައި ވެސް ދިވެހިންގެ ތެރެއިން ބަޔަކު އިސްލާމީ އުޞޫލުތަކާ ޚިލާފު ވަމުންދާ ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ވެސް މުޖްތަމަޢަށް ކުރަމުންދާ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ތަދުމަޑުކަމާއި، ދިރިއުޅުމުގެ ދަތިކަމާއި، އަނިޔާވެރިންގެ އަނިޔާތަކާ ކުރިމަތިލާން ޖެހޭކަމަށްވެސް ވަނީ ހުތުބާގައި ވިދާޅުވެފައެވެ.

“މިއަދު ވިޔަފާރި ކުރުމުގައި ވެސް އަޅުގަޑުމެންގެ ތެރެއިން ބަޔަކު ދަނީ އިސްލާމީ އުޞޫލުތަކާ ޚިލާފު ވަމުންނެވެ. އެކަމުގެ ނޭދެވޭ އަސަރު ވެސް މުޖްތަމަޢަށް މިދަނީ ކުރަމުންނެވެ. އޭގެ ނަތީޖާއަކީ، އިސްވެދިޔަ ނަބަވީ އިރުޝާދު ގައި އައިސްފައިވާ ފަދައިން، ތަދުމަޑުކަމާއި، ދިރިއުޅުމުގެ ދަތިކަމާއި، އަނިޔާވެރިންގެ އަނިޔާތަކާ ކުރިމަތިވުމެވެ. އެ ޙަދީޘް ގައި އައިސްފައިވާ، މިނެކިރުމުގައި އުނިކުރުމުގެ މާނަ އަކީ، ވިޔަފާރިކުރުމުގައި މަކަރު ހެދުމާއި ދޮގުހަދައިގެން ތަކެތި ވިއްކައި އުޅުމެވެ. ނަތީޖާއެއްގެ ގޮތުން ވިޔަފާރީގައި ގެއްލުމާއި ކުރިމަތިލާން ޖެހި، އެބަޔަކު ފާފަވެރި ވެސްވާނެއެވެ.“ މިއަދުގެ ހުތުބާގައި ވެއެވެ.