English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލްގެ ގޮނޑިއެއް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ކާމިޔާބު ކުރައްވަވައިފިއެވެ. މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓާ ވާދަކޮށް ބޮޑުތަފާތަކުން މެދު ދާއިރާގެ ގޮނޑި ޖަމްޝީދާ މުޙައްމަދު (މާހު) ވަނީ ކާމިޔާބުކޮށްފައެވެ. މާހު އަކީ މިހާރުވެސް އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އެވެ. ރައީސާއަކަށް އިންނަވައިގެން އެއްވެސް ކުލައަކަށް ޕާޓީއަކަށް ބަލައިގެން މަސައްކަތް ނުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލަރުކަމުގެ މަގާމަށް ހޮވިއްޖެނަމަވެސް މަސައްކަތް ކުރައްވަވާނީ އެގޮތުގައި ކަމަށް މާހުވަނީ ވިދާޅުވެފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާކަމުގެ މަގާމުގައި ހުންނަވައިގެން އެ ކޮމެޓީގެ ފަރާތުން އައްޑޫގެ އަންހެނުން ބާރުވެރިކުރުމަށް މިހާރުވެސް ގިނަ މަސައްކަތެއް މާހު ގެންދަވަނީ ކުރައްވަވަމުންނެވެ. އެގޮތުން މިކޮމެޓީގެ ފަރާތުން ، ފާއިތުވެ ދިޔަ އަހަރު އައްޑޫގެ އަންހެނުންގެ ތެރެއިން މުޖުތަމައަށް ފައިދާހުރި މަސައްކަތް ކޮށްދެއްވަވާފައިވާ ފަރާތްތަކުން ކުރައްވަވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން “އައްޑޫ ކަނބައިދި އެވޯޑު” ގެ ނަމުގައި އެވޯޑެއް ތައާރަފްކޮށް 14 ފަރާތަކަށް އެވޯޑު ދީފައިވެއެވެ. މީގެ އިތުރުން އަންހެނުންނަށް ޚާއްޞަކޮށްގެން އައްޑޫގައި ތަފާތު އެކިނަންނަމުގައި ޓްރެއިނިން ޕްރޮގްރާމުތައް ވެސް މި ކޮމެޓީން އިސްނަގައިގެން ގެންދަނީ ކުރައްވަވަމުންނެވެ.