English Edition
Dhivehi Edition

އިންޑިޔާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްޅާގެ ފިލްމުތަކަކީ ގިނަ ބަޔަކު ވަރަށް ބަލާހިތްވާ ގޮތަށް އުފައްދާފައިވާ ފިލްމުތަކެކެވެ. 13 އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާ މިވަނީ ބެލުންތެރިންނަށް އޭނާ ޑައިރެކްޓު ކުރާ އާ ފިލްމެއް ނެރޭނެ ކަން ހާމަކޮށްފައެވެ.

ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު ވިދޫ ޑައިރެކްޓު ކޮށް ނެރޭ ފިލްމަށް ކިޔަނީ “ޝިކާރާ: ދި އަންޓޯލްޑް ސްޓޯރީ އޮފް ކަޝްމީރީ ޕަންޑިތުސް” އެވެ. މި ފިލްމުގެ ޓްރެއިލާވެސް މިހާރު ދައްކާލާފައިވާއިރު މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 7 ގައި އެވެ.

މި ފިލްމުގައި ދައްކުވައިދެނީ ކަޝްމީރުގައި 1990 ގައި ހިނގާ ހަމަނުޖެހުމެއްގެ ސަބަބުން އެތައް ހާސް ބަޔަކު ރެފިއުޖީންގެ ގޮތުގައި އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ތަންތަނަށް ދަތުރުކުރާ މަންޒަރެވެ.

ވިދޫގެ މަޝްހޫރުވި ފިލްމުތަކަށް ބަލާއިރު “1942 އަ ލަވްސްޓޯރީ“ އާއި “މިޝަން ކަޝްމީރު” ފަދަ ފިލްމުތައް ހިމެނެއެވެ. މިފަހަރު ވިދޫ ޑައިރެކްޓު ކުރާ ފިލްމުގައި އާ ދެ ފަންނާނަކުވެސް ފެނިގެން ދާނެއެވެ. އެއީ އާދިލް ޚާންގެ އިތުރުން ސާދިއާ އެވެ.

ވިދޫގެ އެންމެ ފަހުން ޑައިރެކްޓު ކުރި ފިލްމަކީ 2007 ގައި ނެރުނު “އެކްލަވިއާ: ދަ ރޯޔަލް ގާޑް” އެވެ.