English Edition
Dhivehi Edition

އިރާން އަސްކަރިއްޔާގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ، މޭޖާ ޖެނެރަލް ސުލެއިމާނީ އަވަހާރަކޮށްލެވުނީ މާ ލަހުން ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު ގައުމާ މުހާތަބުކޮށް  ވާހަކަދައްކަމުން ޓްރަމްޕް ބުނީ  ސުލެއިމާނީ އަކީ މާ ކުރިންވެސް އަވަހާރަ ކޮށްލަން ޖެހޭ ޓެރަރިސްޓެއް ކަމަށެވެ. އިރާނަށް ވަރުގަދަ ބަހުގެ ހަމަލާތައް ރައްދުކުރަމުން ޓްރަމްޕް ބުނީ  އޭނާ ވެރިކަމުގައި ހުރިހާ ދުވަހު އިރާނަށް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ކަމަށެވެ.އުރާނުން ރޭ ދިން ހަމަލާތަކުގައި އެއްވެސް މީހަކު މަރުނުވާކަން ފާހަގަކޮށް ޓްރަމްޕް ބުނީ އެމެރިކާ ސިފައިން ތިބީ ކޮންމެ ކަމަކަށް ވެސް ތައްޔާރަށްކަމަށެވެ. “އެކަމަކު މިހާރު ހީވަނީ އީރާން ބަލިވަމުންދާހެން. އެއީ ދުނިޔެ އަށް ރަނގަޅެއް،” ޓްރަމްޕް ވަނީ ބުނެފައެވެ

އިރާނުން ދިން ހަމަލާއަށްފަހު ޓްރަމްޕްވަނީ ޓުވިޓާގައި ހުރިހާ ކަމެއް ރަގަޅު ކަމަށް ބުނެ ޓުވިޓްކޮށްފައެވެ. އެހެންނަމަވެސް އިރާންގެ ރައީސް ހަސަން ރޫހާނީ  ވިދާޅުވީ މެރިކާ އިން ވަނީ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ “އަތް ހަށިގަނޑުން ވަކިކޮށްފައި” ކަމަށާއި އޭގެ ރައްދުގައި މެދުއިރުމަތިން އެމެރިކާގެ “ފައި ބުރިކޮށްލާނެ” ކަމަށެވެ. އަދި ސުލައިމަނީގެ މަރުގެ ބަދަލު ހިތިގޮތަކަށް ހިފާނެ ކަމަށް އިރާނުން ބުނެފައިވާއިރު އެ ގައުމުން ވަނީ ހަނގުރާމަ އިއުލާންކޮށް ރަތް ދިދަވެސް ނަގާފައެވެ.

އިރާނުން ދިން ހަމަލާތަކުގެ ބަދަލުގައި އަދި އެމެރިކާއިން އެއްވެސް ރައްދެއް ދީފައިނުވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ލީޑަރުންވަނީ ހަނގުރާމައަކަށް ނު ގޮސް މި ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ނިންމާލުމަށް ދެ ގައުމަށްވެސް ގޮވާލާފަައެވެ.