English Edition
Dhivehi Edition
ފޭދޫ ސްޕޯޓްސް އާއި ކްލަބު ރިވެރިން ބައްދަލު ކުރި މެޗު / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ މުބަރާތުގެ ސެމީ ފައިނަލަށް ގްރޫޕު ބީ ގެ އެއްވަނައިގެ ގޮތުގައި ފޭދޫ ސްޕޯޓްސް ދަތުރު ކޮށްފިއެވެ.

ފޭދޫ ސްޕޯޓްސް ސެމީ ފައިނަލަށް ދިޔައީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި 12 ޕޮއިންޓާއި އެކުގައެވެ. ފޭދޫ ސްޕޯޓްސް ގްރޫޕުގެ އެއްވަނަ ހޯދީ ކްލަބު ރިވެރިން އާއި ބައްދަލުކޮށް 0-2 ގެ ނަތީޖާ އަކުން އެޓީމު ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 36 ވަނަ މިނެޓުގައި އަލީ ލިރުއާމެވެ. ބޯވިއްސާރައިގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. ނަމަވެސް ދެޓީމުން ކުރެ ޓީމަކަށް ފުރުސަތު ރަނގަޅަށް ބޭނުން ނުކުރެވެއެވެ. މިހާފުގެ ކުޅުން 0-1ގެ ނަތީޖާއިން ނިމިގެން ދިޔަ އިރު، ހާފުގައި ރަނގަޅަށް ކުޅެމުން ދިޔައީ ފޭދޫ ސްޕޯޓްސްއެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ދެއްކިއެވެ. ނަމަވެސް ގިނަ ހަމަލާތަށް އުފައްދާފައި ވަނީ ފޭދޫ ސްޕޯޓްސް އިންނެވެ. އެގޮތުން ފޭދޫ ސްޕޯޓްސްގެ ހަސަން ހާޒިގް އެޓީމުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނެވެ. ކްލަބު ރިވެރިން ކައުންޓަރ ހަމަލާ ތަކެއް އުފައްދައި ފޭދޫ ގޯލަށް އަމާޒު ކުރި ނަމަވެސް، ފޭދޫގެ ބަދަލު ކީޕަރު ފަހަނަޅައި ގޯލެއް ޖެހިފައި ނުވެއެވެ.

މިނަތީޖާ އާއި އެކު ސެމީފައިނަލުގައި ވާދަ ކުރާނެ ޓީމުތަށް މިވަނީ ކަށަވަރު ވެފައެވެ. އެގޮތުން ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ، ގްރޫޕު އޭ ގެ އެއްވަނަ އެފްސީ ބޭރުމަތި އާއި ގްރޫޕުގެ ބީ ގެ ދެވަނަ ކްލަބު ރިވެރިންއެވެ. މިމެޗު އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މިމަހުގެ 10 ވަނަ ދުވަހު ސެމީގެ ދެވަނަ މެޗު ކުޅޭ އިރު، ދެވަނަ މެޗުގައި ވާދަ ކުރާނީ، ފޭދޫ ސްޕޯޓްސް އާއި ގޯދިއްޔާއެވެ. މުބާރާތުގެ ޝެޑިއުލް އަށް މިހާރު ބަދަލު އައިސްފައި ވާއިރު، މިހާރު މުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ.