English Edition
Dhivehi Edition
2019 ވަނަ އަހަރު އެވޯޑް ހާސިލްކުރި ފަރާތަކަށް ރައީސް ސޯލިހް ޝީލްޑް ހަވާލުކުރައްވަނީ - ފޮޓޯ: ޓްވިޓާ

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދޭ “ރެހެންދި އެވޯޑު” އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖެންޑަރ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 30 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ ޙިއްޞާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބަޔާ މަންފާލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފިރިހެނުންގެ އަދި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ޖެންޑަރ މިނިސްޓްރީ އިން ދެމުން އަންނަ އެވޯޑެކެވެ.

އެ އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު އަދި މުއައްސަސާ، އޮފީސް، ކުންފުނިތަކުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ނަން ހުށަހެޅުމުގެ ފުރުޞަތު ޖެންޑަރ މިނިސްޓްރީ އިން ވަނީ ހުޅުވާލައިފަ އެވެ.

ޖެންޑަރ މިނިސްޓްރީ އިން ބުނީ އެ އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓު www.gender.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެއެވެ.

އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:00އިން މެންދުރުފަހު 14:00އަށް، ޖެންޑަރ މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ، މަޖީދީމަގު) އިން އަދި އެ މިނިސްޓްރީގެ އީމެއިލް [email protected] އިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.