English Edition
Dhivehi Edition
މިދިޔަ އަހަރު ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާނީ ރައްޔިތުންގެ މަޖިލިސް ފެށޭ ދުވަސް ކަމަށްވާ 03 ފެބްރުއަރީ 2020 ގައި ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ހޫދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ހޫދު ވިދާޅުވެފައި ވަނީ ކޮންމެ އަހަރަކުވެސް އިއްވަވާ ރިޔާސީ ބަޔާން އިއްވުން މި އަހަރު އޮންނާނީ ރައްޔިތުންގެ މަޖިލިސް ފެށޭ ރަސްމީ ޖަލްސާގައި ކަމަށެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ 03 ފެބްރުއަރީ 2020 އަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށްވެސް ހޫދު ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހޭ ބަޔާނެކެވެ.

މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަވާފައި ވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ. އެއީ ރައީސް ޞާލިޙް ރިޔާސީ ބަޔާން އިއްވެވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ފަހަރު މަޖިލިސް ފެށުމުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ.