English Edition
Dhivehi Edition

ސިއްސައިގެން ގޮސް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ރޭގަނޑު ދަންވަރު ގުޅަނީ ކާކުބާ އޭ ހިތާ ފޯނުގެ ސްކްރީނަށް ބަލާލިއިރު ގުޅަނީ ވަރަށް ގާތް ރަހްމަތްތެރިއެެކެވެ. އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ވަރަށް ބޮޑުކަމެއް ދިމާވީ އޭ ހިތާއެވެ. “އޭ ސްޓްރީކް ގެއްލެނީ. ސްނެޕެއް ކޮށްބަލަ” ފޯނު ނެގުމާއެކު އިވުނު ވާހަކައިން އަވަހަށް ތެޅިގަތީ އެ ދަންވަރުވެސް ސްނެޕެއްކޮށްލެވޭތޯއެވެ. އަވާރގްލާސް އަރާފައި ހުއްޓާ ފެނުމުން އެކުވެރިޔާއަށްވެސް ޝުކުރުއަދާކޮށް ސްނެޕެއްކޮށްލުމުން ހިތަށް ބޮޑު ހަމަޖެހުމެއް ލިބިގެންދިޔައެވެ.

ސްނެޕްޗެޓަކީ ދިވެހިންގެ މެދުގައިވެސް ފޯރި އާއި އެކު ބޭނުންކުރަމުންދާ އެޕްލިކޭޝަނެކެވެ. ކިތަންމެ ބިޒީކޮށް އުޅެމުންވެސް ސްނެޕެއްކޮށްނުލާ ކެތްނުވާ މީހުން ގިނައެވެ. ދުވާލުގެ ހަތަރު ދަމު ކުރާ މަސައްކަތްތައް ސްނެޕް ކުރާ މީހުންވެސް މަދެއް ނޫނެވެ. މަސައްކަތުގައި ބުރަކޮށް އުޅެމުންވެސް ސްނެޕެއްކޮށްލެވެނީ ސްޓްރީކް ގެއްލިދާނެތީ ގަންނާކުރައްވާ ބިރުންނެވެ.ސްނެޕްގައި ސްޓްރީކް ގެއްލުވާލުމަކީ ތިމާގެ ފަރުވާކުޑަކަމާއި ކަންނެތްކަން ހާމަވެގެންދާ ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ސްނެޕްގައި ސްޓްރީކް އެއްފަހަރުވެސް ގެއްލުވާލައިފިނަމަ ދެން ފްރެންޑް ލިސްޓްގަ ބެހެއްޓުމުގެ ބޭނުމެއްވެސް ނެތެވެ. ” ކިތަންމެ ގާތް މީހަކަސް ސްޓްރީކް ގެއްލުވައިފި ނަމަ އަންފްރޭންޑްކޮށްލަން. ސްނަޕްގަ ހުރިހާ އެއްޗަކީ ސްޓްރީކް.ސްނެޕްއިން މީހުން އެޑްކުރަނީ ސްޓީރްކް ހަދަން. ސްޓީރުކުގެ އަދަދުން އެގިގެންދާނީ ސްނެޕްގައި މީހާގެ ބާރު” ސްނެޕް ބޭނުން ކުރާ ފަރާތަކުން ބުންޏެވެ.

ގިނަ ދިވެހިން ގަބޫލުކުރާ ގޮތުގައި ސްނެޕް ކުރުމުން ކޮންމެ ދުވަހަކު ގާތް މީހުންގެ ހާލު ބަލާލަން ނުގުޅިޔަސް އެ މީހަކު ތިބީ ގަދަވެ ސަލާމަތުންކަން އެގެއެވެ.  ކޮށްލާ ސްނެޕްތަކުން  އެމީހުންގެ ދުވާލުގެ ޝެޑިއުލް އެގިގެންދާއިރު ބައެއް މީހުންނަށް ސެންޕްވެފައިވަނީ  އުޅޭ ސަރަހައްދެއް ހޯދުމަށްވެސް ބޮޑު އެހީއަކަށެވެ. އަދި މިއީ ބިޒީކޮށް އުޅެމުންވެސް ތިމާގެ އެކުވެރިންނާއި އާއިލާއަށް ވާނުވާ އަންގާލުމަށް ރަގަޅު ވަސީލަތެއް ކަމުގައި ބައެއް މީހުން ދެކެވެ. މީގެ އިތުރުން ވެސް ސްނެޕްކުރާ މީހުންގެ ތެރޭގައި އެހެން މީހުން ސްނެޕްކޮށް ސްޓްރީކް ހަދާތީ އެކަންކުރާ މީހުންވެސް މަދެއް ނޫނެވެ. “ހުރިހާ ރައްޓެހިން ސްޓްރީކް ހަދާނެ. ކޮފީއަށް ދިޔަޔަސް އޮންނާނީ އެ ވާހަކަ. އެހެންވެ ހިތަށް އެރީ މަވެސް މި ކަން ކުރަންވެއްޖޭ. މިހާރު ހަމަ ސްޓްރީކް ހަދަނީ އެހެން މީހުންވެސް އެކަންކުރާތީ.” ރައްޓެއްސަކާ ސުވާލުކޮށްލުމުން ދިން ޖަވާބަކީ މިއީއެވެ.

އެންމެ ދުވަހަކު ސްނެޕް ނުކޮށްފި ނަމަވެސް ސްޓްރީކް ގެއްލޭއިރު ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ސްނެޕްކުރުމަށް ގިނަ މީހުން ބޮޑު އިސްކަމެއް ދެއެވެ. ދެކޮޅުން ވެސް ސްނެޕް ނުކުރާނަމަ ސްޓްރީކެއް ނުޖެއްސޭއިރު މިކަމަކީވެސް ވަރަށް ދުރާލާ ރާވައިގެން ކުރެވޭ ކަމެއް ކަން ޔަގީނެވެ. ދެމީހުން ކުރެ އެކަކު ސްނެޕްކުރަން ހަނދާން ނެތިއްޖެނަމަ ދެމީހުންނަށްވެސް އަވާރގްލާސް ފެންނަން ހުންނައިރު  އެކަކު އަނެކަކަށް ގުޅާ ސްނެޕްކުރުމަށް ހަނދާންކޮށް ދިނުމަކީވެސް މިހާރު އާދެއެކެވެ.  ކޮންމެއަކަސް ސްޓްރީކް ޖެއްސުން މިވަނީ ފޯރިއާއި އެކު ވައިގައި ހިފާފައެވެ. އަވާރގްލާސް ފެނުމާއެކު ހާލު ބަލާލަން ނުގުޅޭ ރައްޓެހިންވެސް ސްޓްރީކް ގެއްލިދާނެތީ އެބަ ގުޅައެވެ. “އޭ ސްޓީރްކް ގެއްލެނީ” މިހާރު މިވަނީ ކުޑަވަރެއްގެ ހާޓްއެޓޭކެއް ލިބޭ ބަހަކަށްވެފައެވެ. ސްޓްރީކް ގެއްލުވާލަން ބޭނުން ނުވާނަމަ ކޮންމެ ދުވަހަކުވެސް ރައްޓެހިންނަށް ކޮންމެވެސްވަގުތަކު ހަބަރެއްވެލަންޖެހެއެވެ.