English Edition
Dhivehi Edition

ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާރޖަން ކަމަށްވާ ޑރ. ފަތުހުﷲ ސައީދު، އައިޖީއެމްއެޗްއާއި ގުޅިވަޑައިގެންފި އެވެ.

އައިޖީއެމްއެޗް އިން ބުނީ މިއަދުން ފެށިގެން ޑރ. ފަތުހުﷲ އެ ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަމުންގެންދަވާނެ ކަމަށެވެ.

އޯރަލް އެންޑް މެކްސިލޯފޭޝަލް ސާރޖަރީ އަކީ އަނގަ، މޫނު އަދި ކަނދުރާގެ ސާރޖަރީތަކަށް ޚާއްސަ ފަރުވާދޭ ސްޕެޝަލިޓީ އެކެވެ. އުފެދުމުގައި އާއި އަނިޔާވެގެން މޫނުމަތީގައިވާ އައިބުތައް (ކްލެފްޓް ޕެލެޓް ފަދަ)، ޓްރޯމާ ފަރުވާ އަދި އަނގައިގެ ކެންސަރު ދެނެގަތުމާއި ސާރޖަރީ ކުރުން، ފޭޝަލް ކޮސްމެޓިކް ސާރޖަރީ، ކޯ ކަށިގަނޑުގެ ބަލިތަކާއި މޫނުމަތީގެ އެކިއެކި ތަދުތަކަށް ފަރުވާދިނުން އަދި އިމްޕްލާންޓް ސާރޖަރީ ކުރުންފަދަ ކަންކަމާއި އެފަދަ އިތުރު ކަންކަމަށް ފަރުވާކުރުން އެ ސްޕެޝަލިޓީގައި ހިމެނެއެވެ.

އައިޖީއެމްއެޗް އިން ބުނީ ޑރ. ފަތުހުﷲ ސައީދު އެ ހޮސްޕިޓަލްގެ އޯޕީޑީގައި ބަލިމީހުން ބެއްލެވުމާއި އެ ސްޕެޝަލިޓީ އާއި ގުޅުންހުރި ޚިދުމަތްތައް ކުރިއަށްއޮތް ދުވަސްތަކުގައި ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އާންމުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދާ އުސޫލުން ޑރ. ފަތުހުﷲ ސައީދު އަށް ދެއްކުމަށްވެސް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެއެވެ.