English Edition
Dhivehi Edition
"ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: މަޖިލިސް

އޮސްޓްރޭލިއާގައި އަނދަމުންދާ އަލިފާންގަނޑާއި މޫސުމީ ބަދަލުތަކާއި ގުޅުމެއް ނެތް ކަމަށް ބުނާނީ މޮޔައެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތައް އަލުން ކޮންޓްރޯލްކުރުމަށް ހުރިހާ ޤައުމަކުންވެސް ގައްވުގެ ތެރެއަށް ދޫކުރާ ގޭސްތައް މަދުކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް އިންކާރުކުރާ ޤައުމްތައް އެކަހެރިކޮށްފައި، އެއްކޮށް މަސައްކަތްކުރަން ބޭނުންވާ ޤައުމްތަކުން ކޯލިޝަނެއް ހަދައި، އެ މަސައްކަތައިގެން ކުރިއަށްދާން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާ އެ އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް މަދުވެގެން 23 މީހަކު މަރުވެފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

އަދި 1،200 އަށްވުރެ ގިނަ ގެ ހަލާކުވެފައިވާއިރު، އެތައް މިލިއަން ހެކްޓަރުގެ ބިން ވަނީ އަނދާ ހުލިވެފަ އެވެ. އެ އަލިފާންގަނޑުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނިއު ސައުތު ވޭލްސް އަށް ކަމުގައިވީނަމަވެސް، އަލިފާންގަނޑުގެ އަސަރު އެޤައުމުގެ ހުރިހާ ސްޓޭޓަކަށްވެސް ވަނީ ފޯރާފައެވެ.

އޮސްޓްރޭލިއާގެ ދެކުނު އިރުމަތީގައި އަނދަމުންދާ އަލިފާންގަނޑު ނިއްވުމުގައި ފަޔާފައިޓަރުން މަސައްކަތްކުރަމުންދާއިރު، ވައިގެ މިސްރާބު ބަދަލުވުމާއެކު އެ މަސައްކަތަށް ވަނީ ބުރޫއަރައިފަ އެވެ. އެގޮތުން ނިއު ސައުތު ވޭލްސްގައި ގަޑިއަކު 80 މޭލަށް ވައި ބާރުވެ، އަލިފާންގަނޑު އިތުރަށް ފެތުރިދާނެކަމުގެ ބިރު އޮތީ ހީވެފައެވެ.