English Edition
Dhivehi Edition

‘މުޖްކޯ ބީ ތޫ ލިފްޓު ކަރާދޭ’ މި ލަވައިން ގިނަ ބައެއްގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި އަދްނާން ސާމީ އަކީ އޭރު އޭނާގެ ހަށިގަނޑަށް އެއްވެސް ބެލުމެއްނެތި އުޅެމުން ދިޔަ މީހަކެވެ. ބަރުދަނުގައި 200 ކިލޯ ހުރި ނަމަވެސް އަދްނާން ސާމީގެ ރީތި އަޑުގެ ޖާދޫގައި ޖެހި ގިނަ ބަޔަކު އޭނާގެ ސައިޒަށް މާ ބޮޑު ފަރުވާލެއް ނުވެސް ދެއެވެ. ބެލުންތެރިންގެ މެދުގައި ލިބުނު މަގްބޫލުކަމާއެކު މިއުޒިކީ ދުނިޔޭގައި ފިޔަ ޖަހަމުން ދިޔަ އަދްނާން ސާމީ އަށް އޭނާގެ ހަށިގަނޑާމެދު ވިސްނާލުމުގެ ފުރުސަތެއް ލިބުނީ ބަލިތަންމަތީގައި އޮށޯންނަން ޖެހުމުންނެވެ. ބަލި އެދުން ތެދުވެ އަމިއްލަ ފައި މައްޗަށް ތެދުވަން ބޭނުން ނަމަ ބަރުދަން ލުއި ކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތުމުން ނެވެ.

ބަރުދަން ލުއިކޮށް ހިކުމަށްޓަކައި އަދްނާން ކުރި މަސައްކަތަކީ ގިނަ ގޮންޖެހުންތަކާއި ދިމާވީ ބުރަ މަސައްކަތެކެވެ. އޭރު ބަރުދަން ހުރި ގޮތުން ޖިމަކަށް ގޮސް ކަސްރަތުކުރުމަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމުގައި ޑޮކްޓަރުން ލަފާ ދިނުމުން ގޭގައި މަޑުމަޑުން ކަސްރަތުކުރަން ފެށީ ބަރުދަން ލުއިކުރުމަށް ކަނޑައެޅި ވަރުގަދަ އަޒުމާއެކުގައެވެ. ކެއުމަށް ބޮޑު ބަދަލެއް ގެނެސް ކުރިން ބޭނުން ކުރަމުން ދިޔަ ފޮނި ކާއެއްޗެއްސާއި ތެޔޮ ބޭނުން ކުރުން ހުއްޓާލުން ވެގެން ދިޔައީ އަދްނާން ސާމީގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމަކަށެވެ. މަޑުމަޑުން ކުރަމުން ދިޔަ ކަސްރަތާއި އެކު ކެއުމަށް ގެނައި ބަދަލުގެ ނަތީޖާ އަވަހަށް ފެންނަން ފެށުން ވެގެންދިޔައީ ބަރުދަން ލުއިކުރުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަަކަށްފަހު އަދްނާން ސާމީ ދެން ޓީވީ އިން ފެނުނު އިރު ގިނަ މީހުންނަށް އޭނާ ވަކިކުރަންވެސް ނޭގުނެވެ. އަދްނާން ސާމީގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލާއެކު އޭރު ގިނަ ބަޔަކު ހީކުރީ އޭނާ ސާޖަރީ އެއް ހެދީ ކަމަށެވެ. އެހެންނަމަވެސް އެ ސައިޒުގެ މީހަކު ސާޖަރީކޮށްގެންވެސް ބަރުދަން ލުއިކޮށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމުގައި ބައެއް މީހުން ގަބޫލުކުރިއެވެ. އަދްނާން ސަމީ ބުނީ އޭނާ ގެ ހަށިގަނޑަށް އައި ބަދަލުގެ އެންމެ ބޮޑު ސިއްރަކީ ހިތްވަރާއެކު ވަރުގަދަ އަޒުމެއްގައި ކުރި މަސައްކަތް ކަމުގައެވެ. އަދި ދިރިއުޅުމުގެ އާދަކާދަތަކަށް ގެނައި ހެޔޮ ބަދަލާއި އަހްލާގީ ގޮތުން ހިފެހެއްޓި މިންގަނޑަކީ މި ބަދަލުތައް އެންމެ އަވަހަށް ފެނުމުގެ ސިއްރުކަމަށެވެ.