English Edition
Dhivehi Edition

ޕްރޮގްރަސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން ނުފުދޭ ކަމަށާއި ސިޓީއެއްގެ ދަރަޖައާއެކު އެއާ ގުޅިގެން އަންނަ ތަރައްޤީ ވަގުތުން ފެއްޓުމަށް މިސަރުކާރަށް ގޮވާލާ ކަމަށެވެ.

އަދި ރައްޔިތުންނަށް ލިބެން ޖެހޭ ޚިދުމަތްތައް ފުރިހަމަކޮށް ހަލުވި ސްޕީޑްގައި ސަރުކާރުން މިމަސައްކަތް ކުރިއަށް ގެންގޮސް ކުޅުދުއްފުށީގެ ރައްޔިތުން އެދޭފަދަ ތަރައްޤީ ވީހާ އަވަހަށް ފޯރުކޮށްދިނުމަށް ވެސް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުޅުދުއްފުއްޓަށް ގެނެސްދެއްވި ތަރައްގީގެ މިސްރާބަކީ ފުދުންތެރި ވިޔަފާރީގެ މަރުކަޒަކަށް ކުޅުދުއްފުށި ހެއްދެވުން ކަމަށާއި އެ ތަޞައްވުރު ޕީޕީއެމް އަދި ޕީއެންސީ އިން އަބަދުވެސް ދަމަހައްޓާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުނީ ރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތުން ކަމަށާއި އެ ރަށަކީ ތަރައްގީއަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އަބަދުވެސް ތެދުވާ، ގައުމުގެ މިނިވަންކަން ގެއްލުމުގެ ބިރު ހިވާ ވަގުތުތަކުގައި ކުޅުދުއްފުށި ރައްޔިތުން ފާހަގަ ކުރެވެނީ އެންމެ ކުރީ ސަފަށް ނިކުމެ މަގުދައްކާ ބައެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެރަށުގައި ރަށު ކައުންސިލެއް އިންތިޚާބު ކުރަން ނިންމުން ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަން ފެށުމުންނެވެ.

ހދ. ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށްޓަކައި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހެޅީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގައެވެ. މިއިސްލާހުތައް މަޖިލިސް ތަޅުމުގައި ބަހުސްކުރުމަށްފަހު ވަނީ ފާސްކޮށްފައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ތަޞްދީޤު ކުރައްވައިފައިވަނީ 2019 ޑިސެންބަރ 15 ވަނަ ދުވަހުގައެވެ.