English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިޚާބުގައި ހޮވި،  ދައުރެއް ފުރިހަމަ ކޮށް ނިމިގެން ދާއިރު އައްޑޫސިޓީ ކައުންސިލް ފާހަގަކޮށްލެވެނީ އައްޑޫގައި މަސައްކަތް ކުރާ މީޑިއާތަކާ ދުރު ކައުންސިލެއްގެ ގޮތުގައެވެ. ރައްޔިތުންނާ ގުޅުން ހުރި ކަންކަން ކައުންސިލުން ކުރުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް ވީއިރު އެވާހަކަތައް ރައްޔިތުންނާ ހިއްސާކޮށްދެނީ މީޑިއާ މެދުވެރިކޮށެވެ. ނަމެއްގައި ބޮޑު ޚަރަދެއް ކޮށްފައި އައްޑޫސިޓީ ކައުންސިލްގެ އަމިއްލަ ވެބްސައިޓެއް އޮތް އިރު އެ ވެބްސައިޓް އަޕްޑޭޓް ކުރެވެނީ ދަމަކުން ބަޑިއެއް ޖަހާހެންނެވެ.

“އޭއޯ ނިއުސް” އިން ފާއިތުވި ދައުރުގައި އެތަކެއްފަހަރު  މަތިން އައްޑޫސިޓީގެ މޭޔަރާއި އަދި ކައުންސިލަރުންނާ ބައްދަލުކޮށް މަދުވެގެން މަހަކު އެއް ނޫސް ކޮންފަރެންސް  ނަމަވެސް ބާއްވައި ދިނުމަށް އެދިފައިވާނެއެވެ.  ބޭނުންވަނީ ކައުންސިލުން ކުރާ ކަންތައްތައް ރައްޔިތުންނަށް އޮޅުން ފިލުވައިދީ ކައުންސިލަށް ވެސް އެއްބާރުލުން ދީ ރައްޔިތުންނާ ކައުންސިލް ގުޅުވައިދިނުމެވެ. މިފަދަ ކޮންމެ ފަހަރަކުވެސް ލިބެނީ ހިތްއުފާވާ ޖަވާބެވެ. އެއީ ކައުންސިލުން ކުރުމަށް ވަރަށް ބޭނުންވާ ކަމެއް ކަމަށާއި ކައުންސިލުން ކުރާ ކަންތައްތައް ރައްޔިތުންނަށް އަންގައި ދިނުމަށް މީޑިއާ ތަކުގެ މުހިއްމު ކަމުގެ ވާހަކައެވެ. ބައްދަލުވުންތައް ނިމިގެން ދަނީ ބައްދަލުކުރަން ދިޔަ ފަރާތް “ގަހަށް އަރުވާ” ހިސާބަށް ފޮނުވާފައެވެ. އެހެނަސް ނަތީޖާ ހަމަ ސުމެކެވެ.  ކަމަކާ ގުޅޭ ގޮތުން ސުވާލެއް ކޮށްލުމަށް މޭޔަރަށް ގުޅުމަކީ އުނދަގޫކަމެކެވެ. ހީކުރެވޭ ކަހަލައެވެ. ވަކި މީޑިއާ އަކުން ގުޅުމުން އެހެންވަނީ އެވެ. އެހެނަސް އާޚިރުގައި އެނގެނީ މިއީ ހުރިހާ މީޑިއާތަކުން ވެސް އުޅޭ ހާލު ކަމެވެ.

އައްޑޫސިޓީ ކައުންސިލުން،  ފާއިތުވި އަހަރު ދެތިން ފަހަރެއްގެ މަތިން އައްޑޫގައި މަސައްކަތް ކުރާމީޑީއާ ތަކަށް  ނޫސް ކޮންފަރެންސް ބާއްވަން ބޭނުންވެގެން އެއަށް ދައުވަތު ދީފައިވެއެވެ.  ކޮންމެ ފަހަރަކުވެސް ނޫސްކޮންފަރެންސަށް އައުމަށް އެދި އަންގާފައިވަނީ އެ ކަމެއް ފެށުމުގެ ގަޑިއެއްހައި އިރު ކުރިންނެވެ. ގިނަފަހަރު ކަންތައްތައް ހުންނަ ގޮތުން ވަގުތުކުޑަތަން ވެފައި އޮއްވައި އެގޮތަށް އެންގުމުން މީޑިއާތަކަށް ދާން އުނދަގޫވެއެވެ. ދުރާލާ އެކަމަށް ތައްޔާރުވެ މީޑިއާތަކަށް އެކަން އަންގައި ޕްރެސްކޮންފަރެންސް ބާއްވާ ސަބަބު އަންގާނަމަ ހުރިހާ މީޑިއާތަކުން އެ ޕްރެސް އެއްގައި ބައިވެރިވާނެކަން ޔަގީނެވެ. އަދި މަދުން ނަމަވެސް ބޭއްވިފައިވާ މި ޕްރެސް ތަކުގައި ގިނަ ފަހަރު ފެނިފައިވަނީ މޭޔަރާއި ދެތިން ކައުންސިލަރެކެވެ.

މީޑިއާ ތަކަށް މައުލޫމާތު ނުދެވޭނަމަ ކައުންސިލް ވެބްސައިޓްގައި މައުލޫމާތު އާންމުކޮށް އެ މައުލޫމާތުގެ ލިންކު މީޑިއާ ތަކާއި ހިއްސާކުރެވިދާނެއެވެ. ނުވަތަ ކައުންސިލްގެ ރަސްމީ ވައިބަރ ގުރޫޕެއް ނުވަތަ ވަޓްސްއަޕް ގުރޫޕެއް ހަދާފައި މީޑިއާތައް އެގުރޫޕުގައި އެޑްކުރުމަށް ފަހު މައުލޫމާތު ހިއްސާކުރަމުން ދެވިދާނެއެވެ. މިނިސްޓްރީ ތަކުންވެސް ކަންތައްތައް ކުރާ ގޮތަކީ އެއީއެވެ. ފަހަރެއްގައި މިފަދަ ގުރޫޕެއް ނެތް ކަމެއްވެސް ނޭނގެއެވެ. އޮތަސް ވެސް އޭއޯ ނިއުސްގެ އެއްވެސް ނޫސްވެރިއަކު އެ ގުރޫޕަށް އެޑްކޮށްފައެއް ނުވެއެވެ. މިއީ ވަކިވަކިން ކައުންސިލަރުންނާ ދެކެވޭ ވާހަކަ ތަކުގައި ނުރަސްމީކޮށް ނަމަވެސް ހިއްސާކުރެވުނު ކަންކަމެވެ.

ކޮންމެވެސް ކަމަކާ ރުޅި ބާލައިގެން ނެރޭ ނޫސްބަޔާން ފިޔަވައި  ފާއިތުވި ދައުރުގައި އައްޑޫސިޓީ ކައުންސިލުގެ އީމެއިލުން މީޑިއާ ތަކާއި  ހިއްސާކުރި އެއްޗެއް  ނެތެވެ. ކައުންސިލްގައި ވެސް މުސާރަ ދީފައިވާ މީޑިއާ ކޯޑިނޭޓަރަކު ހުންނަ ކަމަށ ްވެއެވެ. އެ މުވައްޒަފުގެ މަސައްކަތްތަކުގެ ތެރޭގައި މިކަންކަން މީޑިއާތަކާއި ހިއްސާކުރުން ނެތީކަމަށް ވެސް ވެދާނެއެވެ.

އައްޑޫސިޓީ ކައުންސިލްގެ ވެބްސައިޓަކީ އައްޑޫގެ މީޑިއާތަކުން ކޮންމެ ދުވަހަކު ބަލާ ވެބްސައިޓެކެވެ. ނަމަވެސް ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އިނގިރޭސި ސަފީރު އައްޑޫގެ އިމާމުންނާ ބައްދަލު ކުރި ޚަބަރުގެ ފަހުން އިތުރު އަޕްޑޭޓެއް ކޮށްފައިވަނީ  ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އެއީ “އައްޑޫގައި ޓޫރިޒަމްގެ މަސައްކަތް ކާމިޔާބު ކަމާއެކު ގެންދިއުމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވުމަކީ މުހިއްމުކަމެއް” މި ސުރުޚީގެ ދަށުންނެވެ.  ހީވާ ގޮތުގައި އެ ދެމެދުގައި އަޕްޑޭޓް ކުރާ ވަރުގެ މުހިއްމު ކަމެއް އައްޑޫސިޓީ ކައުންސިލުން ނުކުރަނީއެވެ. މުހިއްމު ކަންކަން ކުރެވޭނަމަ އެކަންކަން ރައްޔިތުންނަށް އަންގަން ކައުންސިލުން ވެސް ބޭނުންވާނެތާއެވެ.

ކައުންސިލްގެ ރަސްމީ ފޭސްބުކް އަދި ޓުވިޓާގައި ހިއްސާ ކޮށްފައި ހުންނަ ކުރު މެސެޖް ތަކުން ޚަބަރު ހެދުމަށް މައުލޫމާތު ހޯދާނެ ގޮތެއް މީޑިއާ ތަކަށް ނޯވެއެވެ. މައުލޫމާތު ދޭނެ ފަރާތެއް ނުހުރެއެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލަށް މަތިކޮށްފައިވާ ރައްޔިތުންނާ ބައްދަލުކުރާ ބައްދަލުވުންތައް މީޑީއާތަކުން ގާތުން ބަލައެވެ. އޭގައި ދެކެވޭ ވާހަކަ ތަކާއި އެ ބައްދަލުވުންތަކުގައި ކައުންސިލަރުން ދައްކާ ވާހަކަ ތަކާއި ރައްޔިތުންގެ ވާހަކަ އަޑުއަހާ މިންވަރު ދިރާސާ ކުރެއެވެ. ފާއިތުވި މިފަދަ ކޮންމެ ބައްދަލުވުމެއްގައި މޭޔަރު ނުވަތަ ޑެޕިޔުޓީ މޭޔަރު ވާހަކަ ދައްކަވައި ބައްދަލުވުން ނިންމަވާއިރު އެ ބައްދަލުވުމުގައި ބައިވެރިވާ ގިނަ ކައުންސިލަރުން ތިބެނީ ފޯނާ ކުޅުމުގައެވެ. ރައްޔިތަކު ރައްޔިތު މީހާގެ ދާއިރާގެ ކައުންސިލަރަށް ސީދާ ކޮށްގެން ސުވާލެއް ކޮށްފިނަމަ ދޭނެ ޖަވާބެއް ނޭގި ކޮންމެވެސް އެއްޗެކޭ ބުނެލާތަން ފެނެއެވެ. ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް ސަމާލުކަން ދެވިފައި ނެތުމުން ކިޔާނެ އެއްޗެއް ނޭނގި އަނގަ އޮޅޭ ގޮތް ވެއެވެ. ނުވަތަ ލާމަރުކަޒީ ގާނޫނަށް އަހުލުވެރިވެވިފައި ނެތުމުން ޖަވާބު ހުސްވަނީއެވެ. މިއީ ކުރިމަތިން ފެނި ތަޖުރިބާ ކުރެވިފައި ހުރި ކަންތައްތަކެވެ. މިއީ ރައްޔިތުން ބައްދަލުވުން ނިންމާލުމަށް ފަހު ދައްކާ ވާހަކަތަކެވެ. ރައްޔިތުން މިފަދަ ބައްދަލުވުންތަކަށް ނުދާ ސަބަބަކީ މިއީއެވެ. ފަހުން ފަހުން އައިސް ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ މިފަދަ ބައްދަލުވުން ތަކުގައި މުޅިންވެސް ފެންނަނީ ކައުންސިލް އިދާރާގެ މުވައްޒަފުންނެވެ. ދެން ހުސް ގޮނޑިތަކެވެ. އެހެންވާން ޖެހޭ ސަބަބު މަތީގައި އެއޮތީއެވެ.

އައްޑޫސިޓީ ކައުންސިލްގެ އެންމެ މުހިއްމު ނިންމުންތަކާއި ބައްދަލުވުން ތަކަކީ ވަކި ރެސްޓޯރެންޓެއްގެ މޭޒުދޮށެއްގައި ތިބެގެން ނިންމާ ނިންމުން ކަމަށް ބުނަނީ ނޫސްވެރިންނެއް ނޫނެވެ. އެތަން ބަލަން ތިބޭ ރައްޔިތުންނެވެ. އެ މޭޒުދޮށުގައި ތިބެ “އައްޑޫގެ ސިޔާސީ ލީޑަރުން” އެތައް ބަޔަކަށް ހަޖޫ ޖަހާ އަޑު ރައްޔިތުންނަށް އިވިފައި އެބަހުއްޓެވެ. މިއީ ރައްޔިތުން ދައްކާވާހަކަތަކެވެ. ސޯޝަލް މީޑިއާގައި ލިޔާލިޔުންތަކުން އެނގޭ ކަންތައްތަކެވެ.

އައްޑޫގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އައްޑޫ ތަރައްގީ ނުވުމުގެ އަސްލަކީ “ފެއިލް ވެފައިވާ ކައުންސިލެއް” އައްޑޫގައި އޮތުމެވެ. އެއީ ކައުންސިލުން ކުރާ ކަންތައްތައް ރައްޔިތުންނަށް ނޭނގޭތީއެވެ. ކައުންސިލްގެ ބަޖެޓްގައިވާ ރައްޔިތުންގެ ފައިސާ ޚަރަދު ކުރިގޮތުގެ ތަފްސީލު އޮޅުން ފިލުވައި ނުދޭތީއެވެ. ކައުންސިލުން ވޭތުވެދިޔަ ދައުރުގައި ނިންމާފައިވާ ބޮޑެތި ކަންތައް ތަކާ ބެހޭ މައުލޫމާތު ނޭނގޭތީއެވެ. ކައުންސިލް ބައްދަލުވުން ތަކުގައި ވީއެއް ނުވީއެއް ނޭނގޭތީއެވެ. ކައުންސިލުން ރައްޔިތުންނަށް ކަންކަން ހާމަކޮށްދިނުމުގައި ފަހަތަށް ޖެހޭތީއެވެ. އައްޑޫފިޔަވައި އެހެން ހުރިހާ ސަރަހައްދެއް ތަރައްގީވަމުން ކުރިއަރަމުން އަންނައިރު އައްޑޫސިޓީ ފަހަތަށް ސޮއްސާލާތީއެވެ.