English Edition
Dhivehi Edition

މި އަހަރު އެންމެ ފުރަތަމަ ރާއްޖެއައި ފަތުރުވެރިޔާއަށް ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެގޮތުން މިއަހަރު ރާއްޖެއައި ފުރަތަމަ ފަތުރުވެރިންނަކީ ބަހުރެއިންގެ ދެމަފިރިންނެވެ.މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ކުރިއަށްދިޔަ ޚާއްސަ ހަރަކާތުގައި މި އަހަރު ފުރަތަމަ އައި ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައި ވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

 

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެ އަހަރަކު އެންމެ ފުރަތަމަ އަންނަ ފަތުރުވެރިޔަކަށް ހޫނު މަރުހަބާއެއް ކިޔައެވެ.

މިއަދު ރާއްޖެއަށް އައި މިއަހަރުގެ އެންމެ ފުރަތަމަ ދެ ފަތުރުވެރިންކަމަށްވާ މުހައްމަދު ޖާސިމް ހަލީލް އަލާމާ ބަހްރެއިނީ އާއި އޭނާގެ އަންހެނުން ސާރާ ހެޝާމް އަހްމަދު އަލީ އަލް ޖާސިމް ބުނި ގޮތުގައި މިއީ އެމީހުން ރާއްޖެއަށް އައި ފުރަތަމަ ފަހަރު ކަމަށާއި ،ފުރަތަމަ ފަހަރުވެސް ލިބުނީ ސަޕްރައިޒެއް ކަމަށެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވީ ނިމިދިޔަ އަހަރަށް ވުރެ މި އަހަރަކީ ފަތުރުވެރިކަން ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.