English Edition
Dhivehi Edition

ކަރާފަނިތަށިން  ކަރުތެރެ ތެތްމަމުން  ކުރިމަތިން ކުޅެމުންދާ ބޮޑުބެރު މިޔުޒިކަށް ޝައުގުވެރިކަމާއެކު ބަލަން އޭނާ އިނެވެ. ޒުވާން ކުދިންކޮޅުގެ އެ ހުނަރު މޮޅުވެފައި ކުޅޭގޮތް ރީތިކަމުން ބްރާޔަން އިނީ ވަރަށް ބޮޑަށް އޭގެ ތެރެއަށް ވަދެވިފައެވެ. އަދި ވަކިން ޚާއްޞަކޮށް ބައެއް ފިރިހެން ކުދިން މިޔުޒިކާ އެއްވަރަށް ލަސްލަހުން ކުރަމުންދިޔަ ހަރަކާތްތައް އަވަސްވެ ފޯރި ގަދަ ވުމުން،  އެ ނެށުމުގައި ބައިވެރިވެލަން ބްރާޔަން ވެސް ބޭނުންވިއެވެ. އޭނަގެ މި އެދުން ފުރިހަމަ ކޮށްދިނީ އެތަނުގައި ނަށަމުން ދިޔަ އެއްކުއްޖެކެވެ. ނަށަމުން ނަށަމުން މުޅި ތަނުގައި އެނބުރެމުން އައިސް ބްރާޔަންގެ އަތުގައި ހިފައިގެން ހިނގައި ގަތީއެވެ. އޭނާ ތެދުވެ ނެށުމުގައި ބައިވެރިވުމުން ދުރުގައި ކުޅިބަލަންތިބި އަންހެން ކުދިންގެ އަތްތިލަބަޑީގެ އަޑު އިތުރުވެގެން ދިޔައެވެ.

މިޔުޒިކު ކުޅޭ ކުދިން ނަށާހައި ފަރިކޮށް ނަށަން ނޭނގުނަސް އޭނައަށް ވީ އެންމެ ރަނގަޅަކަށް ނެށޭތޯ ބްރާޔަން ބެލިއެވެ. އަދި ދުރުގައި އިށީނދެލައިގެން ސަޕޯޓްކުރަން ތިބި އަންހެން ކުދިންގެ ތެރެއިން އޭނައަށް ޖޫސްތަށިދިން ރީތި ކުއްޖާ ފެނުމުން އަތުން ހަނާއަޅާފައި އަންނާށޭ ބުނެލިއެވެ. އެހެނަސް އަތުގެ އިޝާރާތުން ނޫނެކޭ އަންހެން ކުއްޖާ ބުނެލިއެވެ. ބްރާޔަން ނަށަމުން ދިޔަ އިރު ހީކުރެވެމުން ދިޔައީ އެތަނުގައި ތިބި ހުރިހާ އަންހެން ކުދިން އޭނައަށް ބަލަމުން ދިޔަ ކަމަށެވެ. އެކަމާ ފުރަތަމަ ކޮޅު ކުޑަކޮށް އުނދަގޫވި ނަމަވެސް ފަހުން އޭނާ ނަށަމުން ދިޔައީ އެކުދިންނާ ދިމާއަށް ބަލަމުން ފަޚުރުވެރިކަމާއެކުގައެވެ.  ވަރުބަލިވެ މާނޭވާ ލެވެންދެން ހުއްޓުމެއްނެތި އޭނާ ނެށިއެވެ. ނެށިވަރުންގޮސް އޭނާ ލައިގެން ހުރި ހުދުކުލައިގެ ލިނަން ގަމީސް އޮތީ ދަލުން ތެމި ފޯވެފައެވެ.

ޖެހިގެން އައި ދުވަހުގެ ޕްރޮގްރާމުގައި ފުރަތަމަ ވެސް އޮތީ ސަދަން މޯސްޓް ޕޮއިންޓަށް ދިއުމަށެވެ. ހެނދުނުގެ ނާސްތާ ކުރަމުން ދިޔައިރު އެތަނާ ބެހޭ ގިނަ މައުލޫމާތު ތަކެއް ގޫގުލް ސަރޗްކޮށްގެން އޭނާ ބެލިއެވެ. ސައިބޮއި ނިމިގެން މެނޭޖަރާއެކު ހޮޓަލުގެ  ވެހިކަލް ގައި އެމީހުން އެތަނަށް ދާން ނައްޓާލިއެވެ. ވެހިކަލްގައި ދިޔައިރުވެސް އޭނާ ދިޔައީ މެނޭޖަރާ ސުވާލުކޮށް ތަނާ ބެހޭ މައުލޫމާތު ހޯދަމުންނެވެ.

ސިފައިންގެ ބެލުމުގެ ދަށުގައި އޮތް އެސަރަހައްދާ ބެހޭ އިތުރު މައުލޫމާތު އެތަނުން ބައްދަލުވި ސިފައިންގެ އޮފިސަރުވެސް ކިޔައި ދިނެވެ. އެތަނަށް އެނަން ދެވިފައިވާ ގޮތާއި ތަން ޚާއްޞަ ވާ ސަބަބު ތަކެވެ. އަދި ސިފައިންގެ ބެލުމުގެ ދަށުގައި އެ ސަރަހައްދު އޮންނަ ސަބަބެވެ. އެތަނުގައި “ސަދަން މޯސްޓް ޕޮއިންޓް” ގެ ނަން ޖަހާފައިވާ ތަނުގައި ދިވެހި ދިދައިގެ ކައިރީގައި ހުރެގެން ބްރާޔަން ފޮޓޯއެއް ނަގާލިއެވެ. ހަނދާނަކަށް ރައްކާކޮށްލުމަށެވެ. އެވަގުތު އޭނާގެ ހިތަށް އެރީ މިތަން ރަމްޒުކޮށްދޭފަދަ ސުވެނިއަރސް މިތަނުން ގަންނަން ލިބެން ހުންނަ ނަމަ އެއީ ތަނަށް ޒިޔާރަތް ކުރާ މީހުން އުފާވާނެ ކަމަށް ކަމަށާއި ތަނަށް ވެސް ކޮންމެވެސް ކަހަލަ އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށެވެ. އޭނަގެ މަންމައަކީ އެކި ގައުމުތަކުގެ ސުވެނިއަސް ރައްކާކުރާ މީހެއް ކަމުން މިތަނުގެ ހަދިޔާއަކަށް މަންމައަށް ދޭންވެސް އޭރުން ގެންދެވުނީހޭ ބްރާޔަންގެ ހިތަށް އެރިއެވެ.  އޭނާ އެ ސުވާލު ސިފައިންގެ އޮފިސަރާވެސް ކުރިއެވެ. މުސްތަގުބަލުގައި އެގޮތަށް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިސަރު ކިޔައިދިނެވެ. އަދި އެތަން ބޮޑަށް ރީތިވާނީ އިރު އޮއްސޭ ގަޑީގައި ކަމަށާއި އަދި އެއްފަހަރު ޒިޔާރަތް ކުރުމަށް އޭނައަށް ދައުވަތުވެސް ދިނެވެ.

އެނބުރި ހޮޓަލަށް އައިސް މެންދުރުގެ ކެއުމަށްފަހު ކުޑަކޮށް އަރާމުކޮށްލަން އޭނާ ބޭނުންވިއެވެ. ހަވީރު ގަޑީގައި ދާން އޮތީ ނޭޗަރ ޕާކަށް ކަމަށް ވެސް ދިއުމުގެ ކުރިން މެނޭޖަރު ބުނެދިނެވެ. މެނޭޖަރަށް ޝުކުރު އަދާކުރަމުން އޭނަ ކޮޓަރިއަށް ދިޔައެވެ.

ރަނގަޅަށް ނިދާލުމަށް ފަހު ހަވީރު ފިނި ޖެހުމުން އެމީހުން ނޭޗަރ ޕާކަށް ދާން ވެހިކަލުގައި ނައްޓާލިއެވެ. އޭނަގެ އިތުރުން ހަތަރު ވަރަކަށް ގެސްޓުން ވެސް އެމީހުންނާ އެކު ދިޔައެވެ. ގަމުގެ ސަރަހައްދު ފަހަނައަޅައި ގުޅިފައިވާ ރަށްތަކުގެ ތެރެއިން ތާރު މަގުގައި ވޭން ދުއްވަމުން ދިޔައިރު މި މަގުތަކުގައި ބައިސްކަލުގައި ދުއްވާލާހިތް ބްރާޔަން ވިއެވެ. މަގުގެ ދެފަރާތުން ފެންނަން ހުރި ގާޑިޔާތަކުން ކުރުނބާ ބޮމުން ބައިސްކަލްގައި ދާއިރު ހާދަ ހިތްގައިމު ވާނެއޭ އޭނަގެ ހިތަށް އެރިއެވެ.

ބައިގަޑިއިރުގެ ދުއްވުމަކަށް ފަހު އެމީހުންނަށް ނޭޗަރ ޕާކަށް އާދެވުނެވެ. ކޮންމެ ތަނަކަށް ދިއުމުގެ ކުރިންވެސް އެތަނާ ބެހޭ ގިނަ މައުލޫމާތު އޭނާ ހޯދާފައިވާތީ ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔައެވެ. އެތަނަށް ދިއުމުގެ ކުރިން ވެސް އެއީ ކޯއްޓޭ ކަމާއި އެތަނަކީ އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު އެމީހުންގެ އެއް މަރުކަޒުގެ ގޮތުގައި ބޭނުންކުރި ގުދުރަތީ ރީތިކަން އެކުލެވޭ ތަނެއްކަން އޭނައަށް އޮތީ އެނގިފައެވެ.

ނޭޗަރ ޕާކުގައި އެމީހުން ތަންތަން ބަލަން ދިޔައީ ބައިސްކަލުގައެވެ.  ބައިބޯ ގަސްތަކުގެ ދެމެދުން އޮތް ހަނިމަގުން ބައިސްކަލް ދުއްވަމުން ކެމެރާގައި މަންޒަރުތައް ފޮރުވަމުން ދިޔައިރު މިތަނަށް ކުރިން އާދެވިފައިނެތީތީ ބްރާޔަން ދެރަވިއެވެ. ވަކިން ޚާއްޞަކޮށް އެތަނުގައި އޮތް ރީތި ފެންގަނޑާއި ކުޅި ފެނުމުން ގުދުރަތުގެ ފުރިހަމަކަމަށް ތައުރީފު ކުރެވުނެވެ. ކުޅީގައި ޖައްސާލާފައި ތިބި ރީތި ދޫނިތަކާއި ވަށައިގެން ހެދިފައިވާ ގަސްތަކުން އެޅިފައިވާ ހިޔަނީގައި ފެންގަނޑު ފެންނަ ގޮތް ރީތިކަމުން ކެމެރާ ފުރެންދެން އެތަނުގެ ތަސްވީރު އޭނަ ނެގިއެވެ. އެއަށްފަހު އެމީހުން ގެންދިޔައީ ކެނޯ ދުއްވާ ސަރަހައްދަށެވެ.

ބްރާޔަން ވެސް ބޭނުންވީ ކެނޯއެއްގައި ކުޅީގެ ރީތި މަންޒަރުތައް ގާތުން ދެކިލުމަށް ދާށެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ކެނޯ ދުއްވަން ތިބި ބައެއްވެސް ފެނުނެވެ. ދުރުން އެމީހުންގެ ހަޅޭކާއި ހުނުމުގެ އަޑު އަންނަ ގޮތުން ހީވަނީ އަމިއްލަ އަމިއްލައަށް ވާދައަށް ފަލިޖެހުމުގެ މުބާރާތެއް ބާއްވަނީހެންނެވެ.

ބްރާޔަން އޭނަގެ ސާމާނުތައް އެތަނުގެ ސްޓާފާ ހަވާލުކުރުމަށް ފަހު ކެނޯއެއްގައި ފަލި ހިފައިގެން ނައްޓާލިއެވެ. ވަށައިގެން ދުރުދުރުން ފެންނަން ހުރި ބިޔަ ގަސްތަކުގެ ސަބަބުން ފެންގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު ތަނުން ފެންނަމުން ދިޔައީ ގުދުރަތީ ރީތިކަމުގެ މިސާލެކެވެ. އެ ރީތިކަމުގެ އަސަރުގައި ޖެހި ތަންތަން ބަލަމުން ދަނިކޮށް އޭނަގެ ކަންފަތުގައި ޖެހުނީ އަންހެން ކުދިންތަކެއްގެ ހަޅޭކުގެ އަޑެވެ. އެވަގުތު ކުރިމަތިން ފެނުނީ ދާދި ދެންމެ ދުރުދުރުން ސަކަރާތް ޖަހަމުން މަޖާ ނަގަމުން ދިޔަ ގުރޫޕެވެ. އެއީ ހުސް އަންހެން ކުދިން ކަން އެނގުނީވެސް ދާދި ގާތްވި ފަހުންނެވެ. އެކުދިން ބާރު ބާރަށް ފަލި ޖަހަމުން ދިޔައިރު ވަކިން އެއްކެނޯ މާ ދުރު ދުރުން ފެންނަން އޮތެވެ. އޭގައި ވެސް ކޮންމެވެސް މީހަކު އިށީނދެގެން އިނދެ ހަޅޭލަވާއަޑު އިވެއެވެ.

ބްރާޔަން އޭނަގެ އަތުގައި އޮތް ފަލި ބާރަށް ޖަހަމުން ގޮސް އެ ކެނޯއާއި އަރާ ހަމަކުރިއެވެ. އެވަގުތު އޭނާ ހައިރާންވީ ބިރުންގޮސް މޫނު ހުދު ކަފަގަނޑެއް ހެން ވެފައިވާ އަންހެންކުއްޖާ އަކީ ރޭގައި އޭނައާއި ދިމާވި ކުއްޖާކަން އެނގުމުންނެވެ.

“އެހީއެއް ބޭނުންތަ؟” ބްރާޔަން ގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް އަންހެންކުއްޖާ އޭނަގެ ކެނޯއިން ފުންމާލައިގެން ބްރާޔަން ހުރި ކެނޯއަށް އަރަން މަސައްކަތް ކުރިއެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުގައި އޭނަގެ ފައިކައްސާލައިގެން ފެންގަނޑަށް ވެއްޓުނެވެ. އަންހެންކުއްޖާ ސަލާމަތް ކުރަން މިހާރު އޭނައަށް އެއޮތީ މަޖުބޫރު ވެފައެވެ. މިހާ ބިރުގަންނަ ކުއްޖަކު އެކަނި މާއެކަނި މިގޮތަށް އައީތީވެސް ބްރާޔަން ހައިރާންވިއެވެ.

ކެނޯއިން ފުންމާލުމަށް ފަހު އަޑިއަށް ގޮސްގޮސް އޮތް އަންހެން ކުއްޖާގެ އަތުގައި ހިފާ ދަމާ ނަގައި އޭނާ ސަލާމަތް ކުރެވޭތޯ ބްރާޔަން ބެލިއެވެ. އަންހެންކުއްޖާ ބިރުގަނެފައި ހުރި ވަރުން ބްރާޔަންގެ ހަށިގަނޑުގައި ހިފާ އޮޅުލަމުން ގެންދިޔައެވެ.

“ހާސް ނުވެ ހަމަޖެހިލައިގެން މަޑުމަޑުން ކެނޯއަށް އަރާ” ކަންތައްތައް ކުރަންވާ ގޮތް އެ ކުއްޖާއަށް ބުނެދިން ނަމަވެސް ދެލޯމަރާ ތަގުޅިކޮށްގެން ބްރާޔަންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން އަންހެންކުއްޖާ އޮތެވެ. އެވަގުތު އެއްވެސް މޭކަޕެއް ކުލައެއް ނެތި ދާދި ގާތުން ފެނުނު އަންހެން ކުއްޖާގެ މޫނު ގެ އޮމާން ކަމާއި ރީތިކަން ބްރާޔަން އަށް ފާހަގަވިއެވެ. ބިރުން ނަމަވެސް ގިނަ އިރުވަން ދެން މިގޮތަށް އޭނަގެ ހަށިގަނޑުގައި ހިފަހައްޓައިގެން އަންހެންކުއްޖާ އޮންނާނެ ނަމައޭ ބްރާޔަންގެ ހިތަށް އެރިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެ ޚިޔާލުތައް ދުރަށް ޖައްސާލުމަށްފަހު ގަދަކަމުން ކަހަލަ ގޮތަކަށް އަންހެންކުއްޖާ ކެނޯއަށް އެރުވުމުގައި އޭނާ ކާމިޔާބު ކުރިއެވެ. އަދި ބްރާޔަން ވެސް ކެނޯއަށް އެރިއެވެ.

“މިހާރު އޯކޭތަ؟” ކެނޯއަށް އަރައި ހަމަޖެހިލުމުން އަންހެންކުއްޖާއާއި އޭނަ ސުވާލުކޮށްލިއެވެ.

(ނުނިމޭ)