English Edition
Dhivehi Edition
އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) - ފޮޓޯ: އަޙްމަދު އަދުޝަން (މިހާރު)

މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތަކުގައި ދެ ބިދޭސީއެއްގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެމީހުން ފުރުވާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި އޮތް، މަސްތުވާތަކެތި އެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝްގެ ދެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެ ދެމީހުން ފުރުވާލި މައްސަލަ ތަޙުޤީޤު ކޮށްދެއްވުން އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ އިއްޔެ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

އެކަމާއި ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައި ހަނަފީ ވިދާޅުވީ އެއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހިނގާފައިވާ ކަމެއް ކަމަށާއި، އެފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އިމިގްރޭޝަނުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.

ނަމަވެސް މަސްތުވާތަކެތި އެތެރެކުރުމުގެ އެ ދެ މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް، އަދި އެ މައްސަލަތަކާއި ގުޅިގެން ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ފުރުވާލި ބިދޭސީންނާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއްވެސް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެކަމުގެ ވިޔަފާރިކުރާ މައްސަލަތައް މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭވެސް މާފުށީގައި ދިރިއުޅޭ ބިދޭސީއެއްގެ ގެއިން އެކި ބްރޭންޑް ތަކުގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ. ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 19.20 އެހާކަށްހާއިރު ކ.މާފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ބަނދަރު މަތީ ހުރި ބިދޭސީއަކަށް ޝައްކު ކުރެވިގެން ހުއްޓުވާ ބަލައިފާސްކުރި އިރު 7 ދަޅު ބިޔަރު ފެނިފައިވާކަމަށާއި މިމައްސަލަ އާއި ގުޅިގެން 24 އަހަރުގެ ބަނގްލަދޭށީ ފިރިހެނަކު ހައްޔަރު ކުރިކަމަށެވެ.

އެމީހާ ހައްޔަރުކޮށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެރޭ 09.30 އެހާކަށްހާއިރު އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރިއިރު އެކި ބްރޭންޑް ތަކުގެ 42 ފުޅި ބަނގުރަލާއި 203 ދަޅު ބިޔަރު ވަނީ ފެނިފައެވެ.

މީގެ އިތުރުން މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ މުމްބާއީން ރާއްޖެ އައި އެޤައުމުގެ ފިރިހެނެއްގެ އަތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިންވެސް ވަނީ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.

އެގޮތުން އުމުރުން 30 އަހަރުގެ އެ މީހާގެ އަތުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމުގައިވެސް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން ބުނީ އެމީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17 ގްރާމް ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 13،600ރ. އަށް އަރާ ކަމަށެވެ.