English Edition
Dhivehi Edition
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިޝަލުންތަކެއް - ފޮޓޯ: ޓްވިޓާ

އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ ތިން މައްސަލައެއް ތަޙުޤީޤުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅައިފި އެވެ.

އިމިގްރޭޝަނުން ބުނީ އިންސާނީ ވަގުފާރިއަށް މަގުފަހިވާ ގޮތަށް ގިނަ މަޝްރޫޢުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި ޢަމަލު ހިންގާ އަދި ސައްޙަ ނޫން ލިޔެކިއުން ހުށަހަޅާފައިވާކަމަށް ތުހުމަތު ކުރެވިގެން ތިން ކުންފުންޏެއްގެ މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި މި ހިނގާ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަތައް ތަޙުޤީޤު ކުރުމަށްޓަކައި ފުލުހުންނަށް ފޮނުވީ، މައްސަލަތަކާއި ގުޅިގެން ކުރެވިފައިވާ މުޢާމަލާތްތަކާއި، އެ މައްސަލަތަކުގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ހުރިހާ މަޢުލޫމާތުތަކާއި އެކުގައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން މައްސަލަތަކުގެ ތަޙުޤީޤު ނިމެންދެން އެ ތިން ކުންފުނީގެ ޙިއްސާދާރުންނާއި، އެ މައްސަލަތަކާއި ގުޅުންހުރި ހުރިހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅުންހުރި ހުރިހާ ޚިދުމަތްތަކެއް މެދުކަނޑާލާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ އެ ތިން މައްސަލައާއެކު އިންސާނީ ވަގުފާރިއަށް މަގުފަހިވާ ގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލަ އެ މުއައްސަސާ އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އިންސާނީ ވަގުފާރިއަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކަމާއި ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަންވެސް އެ މުއައްސަސާއިން ވަނީ އަރުވައިފަ އެވެ.