English Edition
Dhivehi Edition

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ފްލެޓުތައް އިމާރާތްކޮށްފައިވާ ސަރަޙައްދުގައި ފްލަޑް ލައިޓް ހަރުކުމުގެ މަސައްކަތް ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހިތަދޫ ފްލެޓު އިމާރާތުގެ ވަށައިގެންވާ ސަރަޙައްދު ދިއްލުމަށް 12 ފްލަޑް ލައިޓް ޖެހުމުގެ މަސައްކަތް ކައުްނސިލުން ފަށާފައިވާ ކަމަށެވެ.

ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓު ދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ.

ސަރުކާރުގެ “ގެދޮރުވެރި ކުރުން” ޕްރޮގްރާމްގެ ދަށުން އައްޑޫގައި ޢިމާރާތް ކުރެވުނު ފްލެޓްތައް، ފްލެޓްތައް ލިބުނު ފަރާތްތަކާއި އެކު އެގްރީމެންޓްގައި ސޮއިކޮށް ފްލެޓްތައް މިހާރު ވަނީ ވެރި ފަރާތްތަކާ ޙަވާލުކޮށްފަ އެވެ. މި ފްލެޓްތަކަކީ ނިމި ޙަވާލު ނުކުރެވި ގިނަ ދުވަސްތަކެއް ވީފަހުން ޙަވާލުކުރެވުނު ފްލެޓުތަކެކެވެ.

އެ މަޝްރޫޢުގެ ދަށުން އެެޅުނު ފްލެޓް ތަކުގެ ތެރެއިން 312 ފްލެޓަށް ވަނީ މީހުން ކުރިމަތިލާފައެވެ. އެއީ ހިތަދޫގައި ޢިމާރާތް ކޮށްފައިވާ 264 ފްލެޓާއި ސ.ހުޅުދޫގައި ޢިމާރާތް ކޮށްފައިވާ 48 ފްލެޓެވެ.