English Edition
Dhivehi Edition
ހައި ކޯޓުން އީސީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)

ދިވެހިރާއްޖޭގެ ހައިކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

ހައި ކޯޓުން ބުނީ އެ ބައްދަލުވުމަކީ، އަންނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، ދިމާވެދާނެ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުން އޮތީ މިއަދު ދިވެހިރާއްޖޭގެ ހައިކޯޓުގައެވެ.

އެ ބައްދަލުކުރެއްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަލްފާޟިލް އަޙްމަދު ޝަރީފާއި އެ ކޮމިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިންތިޚާބުތަކާއި ބެހޭ އާއްމު ގާނޫނުގެ ދަށުން، އިންތިޚާބީ ޝަކުވާތަކުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ވަނީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީއަށް ކަނޑައަޅާފައިވަނީ ޖުމްލަ 12 ދާއިރާއެކެވެ. އެއީ ހިތަދޫއިން ފަސް ދާއިރާ، ހުޅުމީދޫ އިން ތިން ދާއިރާ، ފޭދޫއިން ދެ ދާއިރާ އަދި މަރަދޫ އާއި މަރަދޫފޭދޫ އިން އެއް ދާއިރާއެވެ. އައްޑޫގައި އަންހެނުންނަށް ވަކި ގޮނޑި ތަކެއް ޚާއްސަ ކުރަން ނިންމާފައިވަނީ ހިތަދޫއިން އެއް ގޮނޑި، ފޭދޫ އިން އެއް ގޮނޑީގެ އިތުރުން ހުޅުދޫމީދޫއިން އެއް ގޮނޑިއެވެ. އަދި މަރަދޫ އާއި މަރަދޫފޭދޫގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރާ ގޮތަށެވެ.