English Edition
Dhivehi Edition

އައްޑޫސިޓީގައި ރޯޑު ސޭފްޓީ ނުވަތަ މަގުމަތީގެ ރައްކައުތެރި ކަމާބެހޭ ހަރަކާތެއް ބޭއްވުމަށް އައްޑޫސިޓީކައުންސިލާއި ފުލުހުން ތައްޔާރުވާން ފަށައިފިއެވެ.

އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ މަސައްކަތް ކުރަމުން ގެންދަނީ މި ހިނގާ އޯގަސްޓްމަހު އެ ހަރަކާތް ބޭއްވުމަށެވެ. އެކަމަށް ޚަރަދު ކުރަނީ ސިޓީކައުންސިލުގެ ޓްރަސްޓް ފަންޑުންނެވެ. އެ ކަމަކީ ކައުންސިލުން މިއަހަރު ކުރަން ރޭވިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ހަރަކާތަށް ޓްރަސްޓް ފަންޑުން ޚަރަދުކުރިޔަސް އެކަން ހިންގާނީ އައްޑޫސިޓީ ފުލުހުންނެވެ. ފުލުހުން މިހާރުވަނީ އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކޮށް ސިޓީކައުންސިލަށް ހުށަހަޅައިފައެވެ. ޔަސްރިފް ވިދާޅުވީ އައްޑޫސިޓީ ކައުންސިލާއި ފުލުހުނާ ދެމެދު މިހާރު ދަނީ އެކަމަށް މަޝްވަރާ ކުރައްވަމުންނެވެ.

އައްޑޫސިޓީ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ މި ހަރަކާތަކީ ބަހައިލައިގެން އައްޑޫގެ ހުރިހައި އަވަށެއްގައި ކުރިއަށްގެންދާ ގޮތަށް ރާވާ ހަރަކާތެއް ކަމަށެވެ. މަސައްކަތް ކުރަމުން ގެންދަނީ ވީހާވެސް އަވަހަކަށް އެ ހަރަކާތް ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓެކްސީ ޑްރައިވަރުންނާއި، ކުޑަކުދިންނަށްވެސް މައުލޫމާތު ދޭނެއެވެ. ކުޑަކުދިންނަށް ޚާއްސަކުރާ ހަރަކާތްތައް ކުރިއަށްދާނީ ކުޑަކުދިންނަށް ބާއްވާ ހަވީރެއްގައެވެ.

މީގެ އިތުރަށް ސްކޫލްތަކުގެ މަތީ ގުރޭޑު ތަކުގެ ދަރިވަރުންނާއި ޓެކްސީ ޑްރައިވަރުންނާއި ބެލެނިވެރިންނަށް ޚާއްސަ ސިމްޕީޒިއަމްތަކެއްވެސް ކުރިއަށް ގެންދާނެއެވެ.