English Edition
Dhivehi Edition
ކަސްޓަމްސް ބިލްޑިންގ - ފޮޓޯ: މުޙައްމަދު ޝަރުހާން

ކަސްޓަމްސްގައި ރަޖިސްޓްރީނުކޮށް މުދާ އިމްޕޯޓުކުރާ ފަރާތްތަކުގެ އަތުން ޕްރޮސެސިންގ ފީއެއް ނެގުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނިންމައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މުދާ އެކްސްޕޯޓުކުރުމާއި، އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމުގެ ޤަވާއިދުގެ ދަށުން ކަސްޓަމްސްގައި ރަޖިސްޓްރީކުރުން އިސްތިސްނާ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ކަސްޓަމްސްގައި ރަޖިސްޓްރީ ނުކޮށް މުދާ އިމްޕޯޓްކުރަން ނުވަތަ އެކްސްޕޯޓްކުރަން ނުވަތަ ރީ-އެކްސްޕޯޓްކުރަން އުޅެފިނަމަ، އެފަރާތްތަކުގެ ޑިކްލަރޭޝަން ނިންމުމުގައި ޕްރޮސެސިންގ ފީ ނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ޕްރޮސެސިންގ ފީގެ ގޮތުގައި ނަގާނީ ޑިކްލަރޭޝަންގައިވާ މުދަލަށް ކަސްޓަމްސް އިން ކަނޑައަޅާ ސީއައިއެފްގެ އަގުގެ 10% ކަމަށާއި، ޕްރޮސެސިންގ ފީ ނެގޭނީ ކޮމާޝަން ކުއެންޓިޓީގެ ގޮތުގައި ބެލެވޭ ތަކެއްޗަށް ކަމަށާއި، އަދި ޕްރޮސެސިންގ ފީ ނެގޭ ޙާލަތުގައި ރެވެނިއު ސްޓޭމްޕް ފީ ދައްކަން ނުޖެހޭނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ ގެދޮރު އިމާރާތްކުރުމަށާއި، އޮޑިދޯނިފަހަރު ބަނުމަށް އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީނުކޮށް މުދާ އެތެރެކުރާ ޙާލަތުގައި، އެފަރާތްތަކުގެ ޑިކްލަޜޭޝަން ނިންމުމުގައި ޕްރޮސެސިންގ ފީ ނެގުމުން އިސްތިސްނާވާނެ ކަމަށެވެ.

ނަމަވެސް އެފަރާތްތަކުން މުދާ އެކްސްޕޯޓުކުރުމާއި، އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމުގެ ޤަވާއިދުގެ ފަސްވަނަ މާއްދާގައިވާ ގޮތުގެ މަތިން ރެވެނިއު ސްޓޭމްޕްގެ އަގަށްވާ ފައިސާ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ ޕްރޮސެސިންގ ފީ ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.