English Edition
Dhivehi Edition

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ކޯލް ސެންޓަރުގެ ޚިދުމަތް ދޭން ފަށައިފި އެވެ.

އެ ޚިދުމަތް ތަޢާރަފްކުރުމުގެ ގޮތުން އިމިގްރޭޝަނުން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އަދި އެ ރަސްމިއްޔާތުގައި ކޯލް ސެންޓަރުގެ ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

ކޯލް ސެންޓަރު މެދުވެރިކޮށް އިމިގްރޭޝަނުން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެ އެވެ. އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1434 އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޯލް ސެންޓަރެއް ހުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވީ، ކޯލް ސެންޓަރެއްގެ މުހިންމުކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނީ މަޢުލޫމާތު ހޯދުމަށް ގުޅަ ފަރާތްތަކަށް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ނުލިބޭކަމުގެ ޝަކުވާ އަބަދުވެސް ލިބޭކަމަށާއި، އެދުވަހަކީ އެހުރިހާ އުދާސްތަކަށް ތަސައްލީއެއް ލިބިގެންދިޔަ ދުވަހެއް ކަމަށެވެ.

ކޮންޓްރޯލަރ ޖެނެރަލް އިތުރަށް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ކަންތައްތަކުގެ ތެރެއިން ގާތްގަނޑަކަށް 93% ހާސިލްވެފައިވާ ކަމަށާއި، އިމިގްރޭޝަންގެ މަޤްސަދަކީ، ރައްޔިތުންނާއި ގުޅިގެން ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ކޯލް ސެންޓަރުގެ ހިދުމަތް ވެގެންދާނީ ރައްޔިތުންނަށް ދެވޭ ވަރަށް މުހިއްމު ހިދުމަތަކަށް ކަމަށާއި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުންނެވި ކަމުގައިވީ ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ މައުލޫމާތު ލިބޭވަރު ކޮށްދެއްވުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި މިނިސްޓަރުގެ ވާހަކައިގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ޕާސްޕޯޓުގެ ހިދުމަތާއި އެނޫންވެސް ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތީން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުންދޭ އެންމެހާ ހިދުމަތްތައް ލިބޭނެ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރު ހިންގެވުމާ ހަވާލުވެގެން ތިބޭ ބައެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ކޯލް ސެންޓަރަށް ޒިޔާރަތްކުރައްވައިފައެވެ.