English Edition
Dhivehi Edition

ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށް ފެންނާނެ ގޮތަކަށް ހިންގުމަށްޓަކައި އަދި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހިކުރުވުމުގެ ގޮތުން ސަރުކާރުން “އައިލްސް”ގެ ނަމުގައި  ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.

މިހާރު  ކްރޮސްރޯޑްސްގައި ކުރިއަށްދާ “ވިއަވަތި ރާއްޖެ” ކައުންސިލަރުންގެ މަހާސިންތާގައި މިއަދު ލޮންޗްކޮށްފައިވާ މި ވެބްސައިޓަކީ ރައީސް އޮފީހުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.

ވެބްސައިޓް ލޯންޗުކުރުމުގެ ގޮތުން އެ ވެބްސައިޓާ ގުޅޭ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ މި ވެބްސައިޓުގެ އެންމެ ބޮޑު އެއް މަގްސަދަކީ ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު އާންމު ފަރާތްތަކާ ހިއްސާކުރުމާއި މައުލޫމާތު ލިބިގަތުމަށް ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް މަގުފަހިކޮށްދިނުން ކަމަށެވެ.

މި ވެބްސައިޓް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅިގެން ރަށެއްގެ އިގްތިސޯދީ ފިގާޒްތައް ވެސް ވެބްސައިޓުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ  ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ، މި ގޮތުން އެ ރަށެއްގެ ޖީއެސްޓީ އާއި ވޯކިން ޕޮޕިއުލޭޝަން އާއި އަދި ރަށަކަށް ލިބޭ އާމްދަނީ އާއި މި ހުރިހާ މައުލޫމާތެއް ވެސް މުސްތަގުބަލުގައި އެ ވެބްސައިޓުން ފެނިގެންދާނެކަމަށް ޝައުނާވަނީ ވިދާޅުވެފައެވެ.

މި ވެބްސައިޓް އިން ރާއްޖޭގެ ހުރިހާ ރަށެށްގެ ވެސް މުހިއްމު ގިނަ މައުލޫމާތު ތަކެއް އެއްތަނަކުން ލިބިގެންދާއިރު މި ވެބްސައިޓް މެދުވެރިކޮށް ރަށްރަށުގައި ހިންގޭ މަޝްރޫއުތަކަށް ކުރެވޭ ހަރަދުތަކުގެ ތަފްސީލާއި، މަޝްރޫއު ކުރިއަށް ގޮސްފައިވާ ހިސާބާއި މަޝްރޫއުއާ ގުޅޭ އެހެނިހެން މުހިންމު މައުލޫމާތު ލިބެން ހުންނާނެއެވެ. މީގެ އިތުރުން  ރަށްރަށުގެ ފޮޓޯ އާއި، ރަށް ނިސްބަތްވާ އިންތިހާބީ ދާއިރާއާއި ޕޯސްޓް ކޯޑާއި، ބިމުގެ ބޮޑުމިނާއި އާބާދީ އެނގޭފަދަ ސްނެޕްޝޮޓް ވެސް މި ވެބްސައިތްގައި ހިމެނާފައިވެއެވެ.

ކޮންމެ ރަށެއްގެ ވެސް އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ހިންގޭ ހުރިހާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތާއި ސަރުކާރުގެ އިދާރާތަކަށް ގުޅޭނެ ގޮތުގެ މައުލޫމާތާއި، މީހުން ދިރިއުޅޭ ރަށްތަކާއި، މީހުން ދިރިނޫޅޭ ރަށްތަކާއި ،ރިސޯޓުގެ ގޮތުގައި އޮޕަރޭޓް ކުރާ ރަށްތަކާއި، ސިނާއީގޮތުން ބޭނުންކުރެވޭ ރަށްތަކާއި، ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށްތަކާއި ތަންތަނުގެ މައުލޫމާތުވެސް މި ވެބްސައިޓުން ލިބިގެންދާނެއެވެ.

މީގެ އިތުރުން  ކޮންމެ ރަށެއްގައި ރަޖިސްޓާ ވެފައިވާ ނުވަތަ މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައުލޫމާތާއި ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފާސްވެފައިވާ ނަމަ، އެ ޕްލޭން ވެސް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި ރަށްރަށުގެ އާންމު މައުލޫމާތުގެ ތެރޭގައި ބޯހިމެނުމުގެ ހިސާބުތަކާއި، ރަށު ކައުންސިލްގެ އިދާރާއިން ގެންގުޅޭ އާބާދީގެ ހިސާބުތަކާއި، ރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އާބާދީގެ އަދަދުތައް ވެސް މި ވެބްސައިޓުން ބަލާލެވޭނެއެވެ.

ޓެގު