2019 ވަނަ އަހަރު ވެގެންގޮސްފައި ވަނީ އަޔުޝްމަން ކުރާނާ އާއި ޓައިގަރ ޝްރޮފް، އަނަންޔާ ޕާންޑޭ އާއި ކާރްތިކް އާރްޔަންފަދަ ތަރިންގެ ހުނަރުވެރި އެކްޓިންގ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަހަރަކަށެވެ. އެހެންނަމަވެސް ޝާހް ރުކް ޚާން އާއި ދީޕިކާ ޕާދުކޯންފަދަ މަޝްހޫރު ތަރިން މިއަހަރު އެއްވެސް ފިލްމަކުން ފެނިގެން ގޮސްފައިވާ ނުވާކަން ފާހަގަކޮށްލެވުނެވެ.

މި އަހަރުގެ ތެރޭގައި ރިތިކް ރޯޝަން އާއި ޝާހިދު ކަޕޫރް އަދި އަކްޝޭ ކަޕޫރްފަދަ ތަރިން ވަނީ އެންމެ ކާމިޔާބު ބައެއް ފިލްމްތައް ކަމުގައިވާ “ސުޕަރ 30” އާއި “ހައުސްފުލް 4” އަދި “ކަބީރް ސިންގް”ފަދަ މޮޅެތި ފިލްމްތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި ބޮލީވުޑްގެ ބޮޑު ސްކްރީނުން ފެނިގެން ގޮސްފައިނުވާ ބައެއް ތަރިން ތިރީގައި މިވަނީ އެވެ.

  1. ދީޕިކާ ޕާދުކޯން

ދީޕިކާ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ރަންވީރް ސިންގާއި ޝާހިދް ކަޕޫރާއެކު ސަންޖޭ ލީލާ ބަންސާލީގެ “ޕަދްމާވަތު” އިންނެވެ. އުމުރުން 33 އަހަރުގެ ދީޕިކާ ވަނީ އެ ފިލްމަށްފަހު މިދިޔަ އަހަރުގެ ތެރޭގައި ކޯ-ސްޓާ ރަންވީރް ސިންގާއި ކައިވެނިވެސް ކޮށްފައެވެ. ދާދިފަހުން އޭޝިއާގެ އެންމެ “ސެކްސީ” އަންހެން މީހާގެ ޝަރަފު ލިބިފައިވާ ދީޕިކާ މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމް “ޗަޕާކް” އަށެވެ. އެ ފިލްމްގައި ދީޕިކާ އަދާކުރަނީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި އަންހެނެއްގެ ރޯލެވެ. މޭގްނާ ގުލްޒާރް ޑައިރެކްޓްކުރާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.

2. ސާރަ އަލީ ޚާން

އަބީޝޭކް ކަޕޫރްގެ “ކެދަރްނާތު” އިން ސުޝާންތު ސިންގް ރާޖްޕޫތު އާއެކު ފިލްމީ ދާއިރާއަށް ތަޢާރަފްވި ސާރާ އަލީ ޚާން ވަނީ މިދިޔަ އަހަރު ރަންވީރް ސިންގް އާއެކު “ސިމްބާ” އިންވެސް ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް މި އަހަރުގެ ތެރޭގައި ސާރާގެ އެއްވެސް ފިލްމެއް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އަންނަ އަހަރު އިމްތިއާޒް އަލީގެ “އާޖް ކަލް” އާއި ވަރުން ދަވަން އާއެކު “ކޫލީ ނަންބަރު 1″ގެ ރީމޭކް އިން ސާރާ ބެލުންތެރިންނަށް ފެނިގެންދާނެ އެވެ.

3. ޝާހް ރުކް ޚާން

ބޮލީވުޑްގެ ‘ކިންގް ޚާން’ގެ ލަޤަބު ލިބިފައިވާ ޝާހް ރުކް ޚާންގެ އެއްވެސް ފިލްމެއްވެސް މިއަހަރު ރިލީޒްކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ޝާހް އަދި އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކޮބައިކަންވެސް އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ޝާހް ވަނީ އޭނާގެ އުފަންދުވަހު، އަންނަ އަހަރުގެ ތެރޭގައި އޭނާގެ ފިލްމެއް ރިލީޒްވާނެ ކަމަށް ފޭނުން ކައިރީ ބުނެފައެވެ. އެންމެ ފަހުން ޝާހް ފެނިގެންދިޔަ”ޒީރޯ” ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމަކަށް ނުވީއިރު، އޭގެ ފަހުން ޝާހް ވަނީ އޭނާގެ އާއިލާއަށްޓަކައި ވަގުތު ހުސްކޮށްފައެވެ.

4. ޖާންވީ ކަޕޫރް

ސްރީދޭވީ އާއި ބޯނީ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ކަމުގައިވާ ޖާންވީ ކަޕޫރް ފިލްމީ ދާއިރާއަށް ތަޢާރަފްވެގެންދިޔައީ ފިލްމް “ދަޅަކް” އިންނެވެ. އެ ފިލްމްގައި ޖާންވީ އާއި އިޝާން ކައްޓަރުގެ ޖޯޑަށް ބެލުންތެރިންގެ ތަޢުރީފާއި ލޯބި ލިބިފައިވާއިރު، އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ގިނަ ފިލްމްތަކެއް ޖާންވީ އަށް ވަނީ ލިބިފައެވެ. އެގޮތުން “ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް” އާއި “ރޫހީއަފްޒާ” އަދި “ދޯސްތާނާ 2″ގެ އިތުރުން “ބޮމްބޭ ގާލް” އަކީ ޖާންވީގެ ކުރިއަށްހުރި ބައެއް ފިލްމްތަކެވެ.

5. ރަންބީރް ކަޕޫރް

އެންމެ ފަހުން ރަންބީރް ފެނިގެންދިޔަ “ސަންޖޫ” ވެގެންދިޔައީ ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް މުގުރާލި، ކާމިޔާބު ފިލްމަކަށެވެ. އެ ފިލްމަށް ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެވެސް ތަޢުރީފް ލިބިފައިވާއިރު، ފިލްމްގައި ރަންބީރް ދެއްކި އެކްޓިންގ އަށްވެސް ގިނަ ބަޔަކު ވަނީ ސާބަސް ކިޔައިފަ އެވެ. އެ ފިލްމަށްފަހު އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ފިލްމް “ބްރަހްމާސްތްރަ”ގެ މަސައްކަތުގައި ރަންބީރް އުޅެނީ ވަރަށް އަވަދިނެތި އެވެ. މި އަހަރުގެ ކްރިސްމަސް ދުވަހު ރިލީޒްކުރުމަށް ހަމަޖެއްސި އެ ފިލްމް ވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި ނެރޭ ގޮތަށް ފަސްކޮށްފަ އެވެ. ފިލްމްގެ ޕްރޮޑިއުސަރުން ބުނާ ގޮތުގައި ފިލްމް ނެރުން ލަސްވަނީ އޭގައި ކުރަންޖެހޭ ވީއެފްއެކްސްގެ މަސައްކަތް ބޮޑުކަމުންނެވެ. އެ ފިލްމް ވެގެންދާނީ ޙަޤީޤީ ދިރިއުޅުމުގައި ވެސް ރައްޓެހިވެގެން އުޅޭ އާލިއާ ބަޓް އާއި ރަންބީރް، އެއް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރަށެވެ.

6. އަނުޝްކާ ޝަރްމާ

އަނުޝްކާ، އޭނާގެ ކުރިއަށް އޮތް ފިލްމްގެ އެއްވެސް ވާހަކައެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭނާ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ޝާހް އާއި ކެޓްރީނާ ކައިފް އާއެކު އަނަން އެލް ރާއިގެ “ޒީރޯ” އިންނެވެ. ނަމަވެސް އެ ފިލްމް ވެގެންދިޔައީ ބޮޑު ނާކާމިޔާބަކަށެވެ. ފިރިމީހާ ވިރާޓް ކޯލީ އާއެކު ބައިނަލްއަޤްވާމީ ޓުއާތަކުން އާންމުކޮށް ފެންނަ އަނުޝްކާ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ދިރިއުޅުމުގައިވާ ކަންތައްތައް ފޭނުންނާއި ހިއްސާ ކުރަމުންނެވެ.