English Edition
Dhivehi Edition

މިދިޔަ ނޮވެމްބަރު މަހު 138،654 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖުމްލަ 164،361 މީހުން ރާއްޖެ އެތެރެވެފައިވާއިރު، އޭގެ ތެރޭގައި 138،654 ފަތުރުވެރިން ހިމެނެއެވެ. އެންމެ ގިނަ މީހުން އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ. އެގޮތުން ވީއައިއޭ އިން 162،824 މީހުން ރާއްޖެ އެތެރެވެފައިވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 1046 މީހުން އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން 491 މީހުން ވަނީ ރާއްޖެ އެތެރެވެފަ އެވެ.

އަދި ވަރކް ވިސާގައި 2،314 މީހުން އައިސްފައިވާއިރު، 160 މީހަކު ވަނީ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލައިފަ އެވެ.

ނޮވެމްބަރު މަހު 169،170 މީހުން ރާއްޖެއިން ބޭރަށް ފުރާފައިވާއިރު، އޭގެ ތެރޭގައި 22،071 ދިވެހިން ހިމެނެއެވެ. އެންމެ ގިނައިން މީހުން ފުރާފައިވަނީ ވީއައިއޭއިންނެވެ. އެގޮތުން 166،673 މީހުން ވީއައިއޭއިން ފުރާފައިވާއިރު، ހަނިމާދޫ އެއާޕޯޓުން 978 މީހުން އަދި ގަމުން 1519 މީހުން ވަނީ ފުރާފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން މިދިޔަ މަހު އޮފްލޯޑްކުރި ފަސިންޖަރުންގެ އަދަދު 149 އަށް އަރާއިރު، އޮޅުވާލައިގެން ފުރަން މަސައްކަތްކުރި 07 މައްސަލައެއްވެސް އިމިގްރޭޝަނުން ވަނީ ބަލައިފަ އެވެ.