English Edition
Dhivehi Edition
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) - ފޮޓޯ: މިހާރު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަޤާމް ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެމްބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 16 ޑިސެމްބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ 08:30 އިން 14:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމުގައިވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނަށް ވަނީ ތިން މެންބަރުން ޢައްޔަންކޮށްފަ އެވެ.

އެގޮތުން ބްރޯޑްކޮމްގެ މެންބަރުކަމަށް ޢައްޔަންކޮށްފައި ވަނީ ގަލޮޅު ހިލްމަން މަރްޔަމް ވަޙީދާއާއި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ސަނީޑޭލް، އަޙްމަދު ޤައިޞް އަދި ފާދިއްޕޮޅު ހިންނަވަރު، ބާރަނާ ޢަލީ ޔޫސުފް އެވެ.

އެ ބޭފުޅުންގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޮމިޝަންގެ ރައީސާކަމަށް މަރިޔަމް ވަޙީދާ އަދި ނައިބު ރައީސްގެ މަޤާމަށް އަޙްމަދު ޤައިޞް ޢައްޔަންކޮށްފަ އެވެ.