English Edition
Dhivehi Edition
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް - ފޮޓޯ: އަވަސް

ޚިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީ އިން މިހެން ބުނެފައި ވަނީ އެ ޕާޓީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް “ނައުޓީ މެޓޮކްސް”އަށް މަރުގެ އިންޒާރުދީ، ބިރުދައްކާފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ބަޔާނުގައި އެމްޑީޕީ އިން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ މަޖީދީމަގު އިރުމަތީ ފަރާތުން، ބޮޑުތަކުރުފާނު މަގާއި ބައްދަލުވާ ހިސާބުން ސައިކަލެއްގައި އައި ދެމީހަކު މަރާލާނެކަމަށް ބުނެ، އޭނާއަށް އިންޒާރުދީފައިވަނީ ޓްވިޓަރ މެދުވެރިކޮށް ދެއްކި ވާހަކަތަކަކަށް ޢިޝާރާތްކޮށް ކަމަށާއި، އެ މައްސަލަ އޭނާވަނީ މޯލްޑިވްސް ޕޮލީސް ސަރވިސަށް ހުށަހަޅާފައި ކަމަށެވެ.

އެމްޑީޕީ އިން ބުނީ ޚިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި، ޖިސްމާނީ އަނިޔާގެ އިންޒާރު ދިނުމާއި، އަނިޔާވެރިކަން އިސްކުރުމީ 21 ވަނަ ޤަރުނުގެ ތަޙްޛީބު މުޖުތަމަޢެއްގައި ބަލައިގަނެވޭނެފަދަ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނުންގެ މެދުގައިވާ ދެބަސްވުމާއި، ހުންނަ ޚިޔާލު ތަފާތުވުން ނައްތާލުމަށް ޖާހިލިއްޔަ ޒަމާނުގައި ޢަމަލުކޮށް އުޅުނު ގޮތް ކަމަށާއި އަދި އެއީ ސީރިއަސް ނަޒަރެއްގައި އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ލާޒިމުވާފަދަ ޖިނާޢީ ކުށެއްވެސް ކަމަށެވެ.

“މިބާވަތުގެ ހަރުކަށި ޢަމަލުތަކުން ކުރިފަޅާ ހެދި، އުފެދޭ ރުޅިވެރިކަމާއި، ފިތުނައިގައި ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް މި ފަހުން ކަންގޮސްފައި ހުރިކަން މިހިނދު ފާހަގަކުރަމެވެ.”، އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީ އިން ވަނީ އެ ޢަމަލު ހިންގި ފަރާތް ހޯދާ، އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސާއި، ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

“މިއާއެކު، ދެބަސްވުމާއި، ޚިޔާލު ތަފާތުވުމުގެ ކުރިމަތީގައި، ބުއްދިއާއި، ޙިކްމަތް ކުރިއަށްނެރި، މަޝްވަރާއާއި، ނަސޭޙަތުގެ އިސްލާމީ ރިވެތި އުސޫލު ކުރިއަށްނެރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.”، އެ ބަޔާނުގައި ވެއެވެ.

ޓެގު