English Edition
Dhivehi Edition

އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ މެންދުރުފަހު ކެއަރ ހޮސްޕިޓަލްގެ އިސްވެރިންނާއެކު ބޭއްވެވި އެބައްދަލުކުރެއްވުމުގައި ކެއަރ ހޮސްޕިޓަލް ގްރޫޕުގެ ސީއީއޯ، ޑރ. ރަޖީވް ސިންގަލާއި ކޮލިޓީ ކެއަރ އިންޑިޔާގެ ޖެނެރަލް މެނޭޖަރ އިންޓަރނޭޝަނަލް މާކެޓިންގ، ރަޖީވް ބަލްގެ އިތުރުން ރާއްޖޭގެ ހެލްތު މިނިސްޓަރ، އަބްދުالله އަމީނާއި ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އައިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމުގައި ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ ފަރާތުން ރާއްޖެއަށް އެހީތެރިވެދެވިދާނެ ދާއިރާތަކާއިމެދުގައި ވެސް މަޝްވަރާ ކުރެވުނެވެ. އެބައްދަލުކުރެއްވުމުގައި ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ ފަރާތުން ވަނީ ދިވެހި ސަރުކާރުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޤާއިމްކުރާ ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުން އޭޝިޔާއާއި އެފްރިކާ ބައްރުގައި މަލްޓިސްޕެޝަލިޓީ ޞިއްޚީ ފަރުވާދޭ 26 ހޮސްޕިޓަލާއި 18 ކްލިނިކްގެ އިތުރުން 40 ޑައިގްނޯސްޓިކް ސެންޓަރ ހިންގައެވެ.