English Edition
Dhivehi Edition

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދުން ފެށިގެން 1 މަސްދުވަސް ތެރޭގައި ގެއަށް ބަދަލުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިރޭ ކާނިވަލް ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު، އަހްމަދު ޝިޔާމް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުގެ ކުރިން ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ފަރާތުން، “އަނިޔާވެރި ޙުކުމާއި ދެކޮޅަށް” ގެ ނަމުގައި ބޭއްވި މި ޖަލްސާގައި ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކޮށްފައި ރައީސް ޞާލިޙަށް ދައްކާނެ ކަމަށާއި އެބޭފުޅުންނަށް ހިތްވަރު ލިބެނީ ޤައުމުގެ ޒުވާނުންގެ ފަރާތުން ކަމަށެވެ. އަދި އެތައް ޒުވާނުންނެއް އެބޭފުޅުންގެ މަސައްކަތުގައި ބައިވެރިވަމުންދާކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޝިޔާމް ވަނީ ސަޕޯޓަރުންނަށް ވަރަށް ހިތްވަރުދެއްވާ ވާހަކަ ދައްކަވާފައި އެވެ. އެގޮތުން ޝިޔާމް ވިދާޅުވީ ހައްޔަރުކޮށްފާނެތީ، ނުވަތަ ޖަލަށް ލާފާނެތީ މި އޮތް ސަރުކާރު ދެކެ އެއްވެސް ބިރެއް ނުގަންނަ ކަމަށެވެ. އަދި އިދިކޮޅުން ކުރައްވާ މަސައްކަތް ދުވަހުން ދުވަހަށް އިތުރަށް ވަރުގަދަ ވަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.