English Edition
Dhivehi Edition

ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 69 ލެޕްޓޮޕް މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ހަވާލުކުރައްވައިފިއެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެޕްޓޮޕްތަކާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި މި ލެޕްޓޮޕްތައް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާ ހަވާލުކޮށްދެއްވީ ޕާކިސްތާންގެ އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމެވެ. މި ލެޕްޓޮޕްތައް ބޭނުންކުރެވޭނީ މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑް ކުރުމަށްކަމަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިއީ ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ލެޕްޓޮޕް ހަދިޔާކުރެއްވި 3 ވަނަ އަހަރެވެ.

ލެޕްޓޮޕް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމް ވިދާޅުވީ ޕާކިސްތާނުން އަބަދުވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ވަނީ ޕާކިސްތާން ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ސިއްޙީގޮތުން ރަނގަޅު ދުޅަހެޔޮ ހަށިހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވާ މަސައްކަތުގެ ދަށުން ދަރިވަރުން ކުޅިވަރުކުޅޭނެ ސާމާނުވެސް ޕާކިސްތާން ސަރުކާރުން ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.