English Edition
Dhivehi Edition

އިންޑިޔާގެ ހޮސްޕިޓާ ތަކަކީ ދިވެހީންނަށް އަބަދުވެސް މަރުޙަބާ ކިޔާ ދިވެހީން އެތަންތަނުގެ ޚިދުމަތް ވަރަށް ގިނައިން ހޯދަމުން އަންނަ ހޮސްޕިޓާ ތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ ކެރެލާ ސްޓޭޓްގެ “ނިމްސް މެޑިސިޓީ” އަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.

ނައިބު ރައީސް ނިމްސް ހޮސްޕިޓަލަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ މެނޭޖުމަންޓާއި މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިން އަބަދުވެސް ގޮސްއުޅޭ ދިވެހިންނާ ވަރަށްބޮޑަށް ގުޅިފައިވާ ތަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާމެދު އިންޑިއާއިން ބަހައްޓާ ގާތްގުޅުމާއި ވެދެމުން އަންނަ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން އިންޑިއާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ.

ނައިބު ރައީސް ނިމްސް ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުން އެ ހޮސްޕިޓަލުގެ ފަރާތުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ މެނޭޖިންގ ޑިރެކްޓަރ ފައިޞަލް ޚާނެވެ. ނައިބު ރައީސްގެ މިޒިޔާރަތުގައި އެ ހޮސްޕިޓަލުން ޞިއްޙީ ޚިދުމަތް ހޯދުމަށް ޒިޔާރަތްކުރާ ދިވެހިންނަށް އެތަނުން ލިބެންހުރި ޚިދުމަތްތަކާބެހޭ ގޮތުން އެމަނިކުފާނަށް ވަނީ މައުލޫމާތު އަރުވާފައެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި، ނިމްސް ހޮސްޕިޓަލުގެ އެކި އެކި ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލެއްވިއެވެ. އޭގެ ތެރޭގައި ކުޑަކުދިން ގެރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމަށް ދާދިފަހުން ހުޅުވި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވިއެވެ. މީގެ އިތުރުން އިންޓަރގްރޭޝަން އެންޑް އޯޓިޒަމް ސެންޓަރާއި ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަން ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި ބަލިތައް ދުރާލާ ދެނެގަނެ ފަރުވާދިނުމުގައި އެތަނުން ހޯދާފައިވާ ކުރިއެރުންތަކާބެހޭ މައުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ތަކެތި ދައްކާލުމަށް ބަހައްޓާފައި ހުރިތަނަށް ނައިބު ރައީސް ޒިޔާރަތްކުރައްވައި އެތަނާބެހޭގޮތުންވެސް އެމަނިކުފާނު މައުލޫމާތު ހޯއްދަވާފައިވެއެވެ.