English Edition
Dhivehi Edition
ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ތިން ބޭފުޅުން - ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސާއަކަށް އެ ކޮމިޝަނަށް މިއަދު އަލަށް ޢައްޔަންކުރެވުނު މަރިޔަމް ވަހީދާ، އަދި ނައިބު ރައީސް ކަމަށް އަހްމަދު ޤައިސް ޢައްޔަންކޮށްފި އެވެ.

އެ ދެ ބޭފުޅުން އެ މަޤާމްތަކަށް ޢައްޔަންކޮށްފައި ވަނީ މިއަދު ބޭއްވި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނަށް އަލަށް ޢައްޔަންކުރި ތިން މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މަރިޔަމް ވަހީދާ އާއި އަހްމަދު ޤައިސްގެ އިތުރުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބްރޯޑްކޮމް އަށް ޢައްޔަންކުރެއްވީ ޢަލީ ޔޫސުފް އެވެ.

މި ބޭފުޅުން މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި، މަރްޔަމް ވަޙީދާ މާސްޓާސް ޑިގްރީ ޙާޞިލު ކުރައްވާފައި ވަނީ ޑިވެލޮމެންޓަލް ސްޓަޑީޒް ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާއިންނެވެ. މީގެ އިތުރުން މަރިޔަމް ވަހީދާ ވަނީ އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް އެންޑް ސޯޝިއޮލޮޖީގެ ދާއިރާއިން ބެންގަލޫރުގެ އެސްޓީ ޖޯސެފް ކޮލެޖް އޮފް އާރޓްސް އެންޑް ސައިންސް އިން ބެޗްލަރ ޑިގްރީ ހާޞިލުކުރައްވާފައެވެ. މަރިޔަމް ވަހީދާ އެންމެފަހުން އަދާކުރެއްވީ ޕަބްލިސް ސަރވިސް މީޑިޔާ (ޕީއެސްއެމް)ގެ ބޯޑު މެންބަރެއްގެ މަޤާމެވެ. މަރިޔަމް ވަހީދާ ވަނީ 1997 އިން ފެށިގެން ޓީވީޕްރޮގްރާމްތައް ހުށަހެޅުމުގެ ދާއިރާގައި ދިގުމުއްދަތެއްގައި މަސައްކަތްކުރައްވާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި، އަޙްމަދު ޤައިޞް ވަނީ އެންގްލިއާ ރަސްކިން ޔުނިވަރސިޓީ (ޔޫކޭ) އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައެވެ. އަދި އަޙްމަދު ޤައިޞް ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ކައުންސިލަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި، ޢަލީ ޔޫސުފު އެންމެފަހުން އަދާކުރައްވާފައި ވަނީ ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރުގެ މަޤާމެވެ. އޭގެ ކުރިން މޯލްޑިވްސް މީޑިޔާ ކައުންސިލާއި މޯލްޑިވްސް ޖަރނަލިޒަމް އެސޯޝިއޭޝަނުގެ ބޯޑު މެންބަރުކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން 2001 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހަވީރު ނޫހުގައި މަސައްކަތް ކުރައްވައި ހަވީރު ނޫހުގެ އެސިސްޓެންޓް އެޑިޓަރުގެ މަޤާމު އަދާކުރައްވާފައިވެއެވެ. އަދި ހުވާސް މަޖައްލާގެ ލިޔުންތެރިއެއްގެ ހައިޞިއްޔަތުންނާއި ހަވީރު ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި ދިގުމުއްދަތެއްގައި ޢަލީ ޔޫސުފު މަސައްކަތްކުރައްވާފައި ވެއެވެ. އަލީ ޔޫސުފް ވަނީ މީޑިޔާގެ ދާއިރާއިން ތަފާތު ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރެއްވުމުގެ އިތުރުން އިންޑިޔާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމް އިން ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒް އިން ޖާރނަލިޒަމް ފުރިހަމަ ކުރައްވާފައެވެ.