English Edition
Dhivehi Edition

ރާއްޖެ ސަރަހައްދުގައި ވަރުގަދަ ތިން ކޮޅިގަނޑު އުފެދިފައިވާ ކަމަށާއި އެ ކޮޅިގަނޑުތައް ތޫފާންތަކަށް ބަދަލުވަމުންދާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ވިދަޅުވީ ބާރުގަދަ ތިން ކޮޅިގަނޑެއް އުފެދި ދައުރުވަމުން ދަނީ ރާއްޖޭގެ އުތުރާއި ރާއްޖޭގެ ހުޅަނގާއި ހުޅަނގު ދެކުނުގައި ކަމަށެވެ.

މީގެ ތެރެއިން ރާއްޖޭގެ އުތުރުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ތޫފާނަކަށް ބަދަލުވާނެ ކަމަށާއި އެ ތޫފާން ރާއްޖޭގެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު، ކުރިއަށް އޮތް 36 ގަޑއިރު ތެރޭ ތޫފާނަކަށް ބަދަލުވާނެ ކަމަށާއި ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 12 ގަޑިއިރު ތެރޭ ތޫފާނެކަށް ބަދަލުވެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ މި ތިން ކޮޅިގަނޑުވެސް މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެ އާއި ދުރަށް ކަމަށެވެ.

މިއާއެކު މޫސުމާއި ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ދ އަތޮޅާއި ދެމެދަށް ހުދު ސަމާލު ނެރެފައެވެ. މިވަގުތުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާ ގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ. އުތުރާއި މެދު ރާއްޖެތެރެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 4.15 އިން ފެށިގެން މިރޭ 10 ޖެހުމާއި ހަމަޔަށެވެ.