English Edition
Dhivehi Edition
ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އައިޔޫއެމް

އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީގެ މަރާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކުރުމަށް އެދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތައް ތަޙުޤީޤު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ އޭނާގެ ސިޔާސީ މުސްތަޤްބަލު ދުއްވާލަން ކަމުގައި ޑރ. ޝަހީމް ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝަހީމް ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައަކީ އޭނާއާއި އެއްވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ މަސައްކަތަށް ހުރަސް އަޅައި، ސިޔާސީ މުސްތަޤްބަލު ދުއްވާލަން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

” މާތްﷲ އަށް ވަކީލް ކުރަމެވެ.”، އެ ޓްވީޓްގައި ޝަހީމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޝަހީމް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަރު ކޮމިޝަންގެ ރައީސް، އަލްއުސްތާޛު ހުސްނުއްސުއޫދު ޤާނޫނީ ވަކީލެއްގެ މަޤާމުގައި ހުރެ ބޭއިންސާފުން ކަންކަން ކޮށްފާނެ ކަމަށް ހީފުޅު ނުކުރައްވާ ކަމަށެވެ.

“އަފްރާޝީމަށް އަޅުގަނޑު ފޯވާޑުކުރި ކަމަށް ބުނާ މެސެޖުގެ ޙަޤީޤަތް ބަލައި އެއީ ކާކުގެ މެސެޖެއްތޯ ދިރާގު މެދުވެރިކޮށް ބަލަން ތަޙުޤީޤުގައި އެދިފައި އޮއްވާ ނުބަލައި ރިޕޯޓު ލިޔެ އާންމުކޮށް ދައުވާކުރަން ފޮނުވީ”، ޝަހީމް ވިދާޅުވި އެވެ.

އަދި ޑރ. ޝަހީމް ވިދާޅުވީ އޭނާއާއި އެއްވެސް ވަރަކަށް ގުޅުމެއް ނެތް ކަމެއްގެ ތެރެއަށް ލައި، އޭނާގެ އަބުރު ކަތިލައި، އޭނާގެ މައްޗަށް ޖިނާޢީ ދައުވާ ކުރަން ފޮނުވީތީ އަޖައިބުވާ ކަމަށެވެ.

“ޕީޖީ އޮފީހުގައި އަޅުގަނޑު އެދެނީ ސިޔާސީ ދައުވާއަށް ޖާގަ ނުދެއްވުމަށެވެ.”، ޝަހީމް ވިދާޅުވެފައި ވެއެވެ.

ޝަހީމް މިމޭރުމުން ޓްވީޓް ކުރެއްވިއިރު، މަރު ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަޙުޤީޤަށް ޑރ. ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަޙުޤީޤަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަލަފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން މިއަދު ޝަހީމްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، އެ ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމްގެ މަރުގެ ތަޙުޤީޤީ ރިޕޯޓުގައިވެސް ވަނީ ޑރ. ޝަހީމްގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައިވާ ގޮތުން ޑރ. ޝަހީމް މަރު ކޮމިޝަނަށް ދެއްވާފައި ވަނީ ދޮގު ބަޔާނެކެވެ.

ނަމަވެސް އެ ރިޕޯޓު އާންމުކުރި ދުވަހުން ފެށިގެންވެސް ޑރ. ޝަހީމް ގެންދަވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.

މީގެ އިތުރުން މަރު ކޮމިޝަނުން ވަނީ ޑރ. އަފްރާޝީމް އާއި ނޫސްވެރިޔާ ރިޟްވާން އަބްދުﷲ އާއި ޔާމީން ރަޝީދު މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ތުހުމަތުކުރެވޭ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދު އާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް އެދިވެސް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 1 އޮކްޓޯބަރ 2012 ވީ ދުވަހު ގެ ރޭ ޓީވީއެމްއިން ދެއްކި ދީނީ ޕްރޮގްރާމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށްފަހު، ގެއަށް ވަޑައިގެންނެވި ތަނުންނެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ޑރ. އަފްރާޝީމްގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު، އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ އަވަހާރަވެފައެވެ.