English Edition
Dhivehi Edition
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އޭސީސީ

އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީގެ މަރާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކުރުމަށް އެދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތައް ތަޙުޤީޤު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މަރު ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަޙުޤީޤަށް ޑރ. ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަޙުޤީޤަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަލަފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން މިއަދު ޝަހީމްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، އެ ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމްގެ މަރުގެ ތަޙުޤީޤީ ރިޕޯޓުގައިވެސް ވަނީ ޑރ. ޝަހީމްގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައިވާ ގޮތުން ޑރ. ޝަހީމް މަރު ކޮމިޝަނަށް ދެއްވާފައި ވަނީ ދޮގު ބަޔާނެކެވެ.

ނަމަވެސް އެ ރިޕޯޓު އާންމުކުރި ދުވަހުން ފެށިގެންވެސް ޑރ. ޝަހީމް ގެންދަވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.

މީގެ އިތުރުން މަރު ކޮމިޝަނުން ވަނީ ޑރ. އަފްރާޝީމް އާއި ނޫސްވެރިޔާ ރިޟްވާން އަބްދުﷲ އާއި ޔާމީން ރަޝީދު މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ތުހުމަތުކުރެވޭ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދު އާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް އެދިވެސް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 1 އޮކްޓޯބަރ 2012 ވީ ދުވަހު ގެ ރޭ ޓީވީއެމްއިން ދެއްކި ދީނީ ޕްރޮގްރާމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށްފަހު، ގެއަށް ވަޑައިގެންނެވި ތަނުންނެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ޑރ. އަފްރާޝީމްގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު، އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ އަވަހާރަވެފައެވެ.

ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަށް އިންސާފު ހޯއްދަވައި ދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.