English Edition
Dhivehi Edition

ބަންގްލަދޭޝް ނޭވަލް އެކެޑަމީ އާއި ބަންގްލަދޭޝް އެއަރފޯސް އެކެޑެމީން ހިންގާ ހަތަރު ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވި ގޮތުގައި ޖުލައި 2020 ން ޖޫން 2024 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަތަރު ކޯހުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް ނޭވަލް އެކެޑަމީން ހިންގާ ޕްރީ ކޮމިޝަނިންގ ކޯހާއި ބީއެންއޭ ބޭސިކް ކެޑޭޓް އެންޑް ޓްރޭނިންގ އާއި އޮފިސަރސް ބޭސިކް ޓްރޭނިންގ ކޯހެވެ. މިއިން ކޮންމެ ކޯހެއްގައިވެސް 2 ޖާގަ ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ބަންގްލަދޭޝް އެއަރފޯސް އެކެޑެމީން ހިންގާ އެއަރވިންގ ކެޑޭޓް ޓްރޭނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.  މި ކޯހަށް ފުރުޞަތު ހުޅުވާލާފައިވަނީ 1 ޖާގައަށެވެ.

މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އޭލެވެލް 03 މާއްދާއިން ފާސްވެފައިވުން (ދިވެހި އިސްލާމް ނުހިމަނާ) ނުވަތަ ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމުގެ އިތުރުން 01 ޖުލައި 2019 އަށް 22 އަހަރު ނުފުރޭ މީހެއް ކަމުގައިވުމާއި ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވުން ހިމެނެއެވެ. އަދި ޒަވާޖީ ހަޔާތެއް ފަށާފައިވާ މީހެއްކަމުގައި ނުވުންވެސް ހިމެނެއެވެ.

މި ކޯސްތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި އެމްއެންޑީއެފް ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމް އާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ ގައި އަސްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑު ޖެހި އަސްލު ހުށަހަޅަންވާނެކަމަށް މިކަމާގުޅޭގޮތުން ނެރެފައިވާ  އިޢުލާނުގައިވެއެވެ.

އަދި މި ސްކޮލަރޝިޕްގެ ދަށުން ތަޢުލީމު ހާސިލްކުރުމަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ޚިދުމަތްކުރަން އެއްބަސްވާކަމަށް ކެނޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންވާނެކަމަށާއި މި ކޯސްތަކަށް އެދި ހުށަހަޅާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެކަމަށް އެމްއެންޑީއެފްގެ އިޢުލާނުގައިވެއެވެ.

މި ކޯސްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، 2019 ޑިސެމްބަރު 08 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެއެވެ. އަދި ފޯމް ހުށަހަޅަން ދުރުވެ 9871235 ނަންބަރަށް ގުޅުއްވުމަށާއި މި ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށްވެސް  9871235 ނަންބަރަށް ގުޅުއްވުމަށް އެދިފައިވެއެވެ. އަދިކޯސް އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ. މި ކޯސްތަކަށް ހޮވޭ ފަރާތްތަކަށް އެމްއެންޑީއެފްގެ ވަޒީފާދެއްވުމުގެ  އިތުރުން ކޯސް ފުރިހަމަކުރުމުން ކަމިޝަން ކުރެވި، ސިފައިންގެ އޮފިސަރެއްގެ ގޮތުގައި އެބޭފުޅަކު ހަމަޖެހިގެންދާނެކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ.